ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ނުވަތަ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން ވާދަކުރާ މެންބަރުންނަށް ސުލޫކީ ކޮމެޓީން ފިޔަވަޅު އަޅާފައިވާ ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބްގައި ޕީޕީއެމް ކޮންގްރެސް އިން ތާއިދުކުރާ ފަރާތްތައް އިއުލާނު ކުރުމަށް އެ ކޯލިޝަން އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވިދާޅުވީ، އަމިއްލަ ގޮތުން ވާދަކުރާ އެ ދެ ޕާޓީގެ މެންބަރުންގެ މައްސަލަތައް ސުލޫކީ ކޮމެޓީއަށް ހުށަހެޅި ބަލައި ނިމިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމާފައިވާކަން އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ހަމައަށް އަދި ނިންމުމެއް ނާދޭ. އެކަމަކު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމެޓީން މިހާރު ވަނީ ހަ ބޭފުޅަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް ނިންމާފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސުލޫކީ ކޮމެޓީން އެޅި ފިޔަވަޅުތައް އެ ކޮމެޓީން ހާމަކުރާނެކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ޕީޕީއެމްއާ ރައީސް ޔާމީންގެ ފިކުރަށް ތާއީދު ކުރި ބައެއް ފަރާތްތަކުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހަޅައި ކެމްޕެއިން ކުރަމުން އަންނައިރު އޭގެ ތެރެއިން ބައެއް ފަރާތްތަކުން އެއީ ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓުން ކަމަށް ބުނަމުން އަންނާތީ އަބްދުއްރަހީމް ވަނީ އެކަންތައް ކުށްވެރި ކުރައްވާފައެވެ.

"މީހަކު ހަމަ ޒަމާނެއްގައި ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތް ކޮށްފައި ހުރުމަކީ ރައީސް ޔާމީންގެ ކެންޑިޑޭޓަކަށް އޭނާ ވާންޖެހޭ ސަބަބެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"ދެކޮލުގަ ފުށް ޖަހާފައި ތުންފަތުގައި ކުލަ ޖައްސައިގެން ނިކުތުމަކުން އަދި އެ މީހަކު ރައީސް ޔާމީންގެ ކެންޑިޑޭޓަކަށް ނުވާނެ،"