ވިހެއުމުން ދޭ ޗުއްޓީ އެސްޓީއޯގެ އަންހެން މުވައްޒަފުނަށް ހަ މަސް ދުވަހަށް އިތުރު ކޮށްފި އެވެ.

އެސްޓީއޯގެ އަންހެން މުވައްޒަފުނަނަށް ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށްފައި މިވަނީ، މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކޮށްފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ. ވިހެއުމުން އަންހެން މުވައްޒަފުންނަށް މުސާރައާ އެކު ހަ މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ވިހެއުމުން ލިބޭ ޗުއްޓީ ގެ މުއްދަތު ހަ މަސް ދުވަހަށް އަދި ފިރިހެން މުވައްޒަފުންނަށް އަނބިމީހާ ވިހެއުމުން ލިބޭ ޗުއްޓީ ގެ މުއްދަތު އެއް މަސް ދުވަހަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު މުހައްމަދު ރަޝާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހް މިއަދު ނިންމެވި ނިންމެވުމަށް ތާއީދުކޮށް އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށްވެސް މުސާރައާއެކު ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފިރިހެން މުވައްޒަފުންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ހަމަޖައްސައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިހެއުމުން ސިވިލް ސާވިސް މުވައްޒަފުނަށް ދޭ ޗުއްޓީގެ މުއްދަތު އިތުރު ކުރި ކަމަށް އިއުލާން ކުރެއްވީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

"ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ،" ރައީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ "ސިވިލް ސާވިސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވްވެސް މުސާރައާއެކު" މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.

ވިހެއުމާ ގުޅިގެން މިހާރު ލިބެނީ ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެނީ އެންމެ ތިން ދުވަހެއެވެ. ނަމަވެސް މިއަދު އެ ނިންމުމާއެކު، އަންހެނުންނަށް ހަމަސް ދުވަސް އަދި ފިރިންނަށް އެއް މަސް ދުވަސް އިތުރުވީ އެވެ.