ޖަލު ބަންދެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސިއްހީ ހާލުކޮޅު ދެރަ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޝާރީއަތް ނިމެންދެން އެމަނިކުފާނު ޖަލުގައި ބެހެއްޓުމަށް މިދިޔަ މަހު 18 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަމުރުކުރި ފަހުން، ދެ ފަހަރެއްގެ މަތިން ރައީސް ޔަމީން އައިޖީއެމްއެޗަށް ގެނެސް ވަނީ ފަރުވާ ދީފައެވެ. މިިދިޔަ ހޯމަ ދުވަހު އައިޖީއެމްއެޗަށް ގައި ފަރުވާ ދިނުމަށް ފަހު ރައީސް ޔާމީން މިއަދު ވަނީ އެނބުރި ޖަލަށް ގެންގޮސްފައެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ހ. ހުރަފަ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮންގްރެސް ޕާޓީގެ ވަގުތީ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމީން ސިއްހީ ހާލުކޮޅު ހުރި ގޮތުން ރައީސް ޔާމީން އެކަނި ނުބެހެއްޓުމަށް ބެއްލިވި ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަަމަށާއި ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް މި ސަރުކާރަށް ގޮވާލާ ކަަމަށެވެ.

"ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު މިހާރު ހުރި ގޮތުން އަޅުގަނޑުމެން ސަރުކާރަށް ގޮވާލަން ތަހުގީގު ކުރިއަށްދާ އިރު ވެސް އެމަނިކުފާނު [ރައީސް ޔާމީން] ގޭގައި ބެހެއްޓުމަށް،" ރާއީސް ޔާމީން ސަރުކާރުގައި އިގްތިސާދީ ވަޒީރު ކަން ކުރެއްވި ސައީދު ވިދާޅުވީއެވެ.

ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ހާލު ހުރި ގޮތުން އެކަނި ނުބެހެއްޓުމަށް ޑޮކްޓަރު ލަފާ ދެއްވި ކަމަށް --- ސަން ފޮޓޯ

ރައީސް ޔާމީން ޖަލު ބަންދުގައި ހުންނަވާ އިރު، ކަސްރަތު ކުރުމުގައި ދަތިތަކެއް އެބަ ހުރި ކަމަށާއި އެއީ މީގެ ކުރިން ސަރުކާރުން ޖަލުބަންދުގައި ތިބޭ މީހުންނާ މެދު އަމަލު ކޮށްފައިވާ ގޮތާ ތަފާތު ގޮތެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކޮށްދެއްވުމަށް އެދި މިދިޔަ މަހުގެ 24 ވަނަ ދުވަހު ޕްރޮގްރެސިވް ކޮންގެރެސް ކޯލިޝަންގެ އިސްފަރާތްތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގައި އެކަންތައް ބައްލަވާދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި ކަމަށް އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ، މިހާތަނަށް ރައީސް ސޯލިހާ އެކު ބޭއްވި ބައްދަލުވުމުގެ އެއްވެސް ނަތިއްޖާ އެއް ނުފެންނަ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ގައުމުގެ ރައީސުލް ޖުމްހޫރިއްޔާއާ އެކު ބޭއްވި ބައްދަލުވުމުން އެވެސް ނަތިއްޖާ އެއް ނުނިކުތް. ވަރަށް ގާތުން މިކަން ބައްލަވާނެ ކަމާއި، އެކަމަށް އެޓެންޑް ވެދެއްވާނެ ކަމާ މިހުރިހާ ވާހަކައެއް ވިދާޅުވެފައި، މިއަދާ ހަމައަށް އައި އިރުވެސް އަޅުގަނޑުމެންނަށް އޭގެ އެއްވެސް އަލިމަގެއް ނުފެނުނީމަ، މިކަމުގެ ކަންބޮޑުވުން އަޅުގަނޑުމެންގެ އެބައޮތް އިންތިހާއަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ޝަރީއަތް ނިމެންދެން ޖަލު ބަންދަށް އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބުނެއެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަނީ މިއީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށާއި ސަރުކާރުގެ ބޭނުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ.