ސަރުކާރުން ތިލަފުށީގައި އަޅަން ނިންމާފައިވާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ މާސްޓާ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާންގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ތިލަފުށީގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ޓަކައި މާސްޓާ ޕްލޭނެއް ހެދުމާއި ވިޔަފާރި ބަނދަރުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާމެއް ހޯދަން ބޭނުންވެގެން އިއުލާންކޮށްފަައެވެ.

މިއީ އެގޮތަށް އިއުލާންކުރި ތިން ވަނަ ފަހަރެެވެ. މިފަހަރުގެ މުއްދަތު މިމަހުގެ 17 އާ ހިސާބަށް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އެ ގޮތަށް މުއްދަތު އިތުރުކުރަން ނިންމީ ކީއްވެގެން ކަމެއް ފިނޭންސް މިނިސްޓްރީން ނުބުނެއެވެ.

އެ ޕްރޮޖެކްޓުގައި ހިމެނެނީ ތިލަފުށީ ވިޔަފާރި ބަނަދަރުގެ މާސްޓާ ޕްލޭނެއް ހެދުމާއި ޑީޓެއިލް ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުމެވެ.

ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފާމްތަކުން ދިވެހި ފާމްތަކުގެ ބައިވެރިވުމާ އެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުން ކަމަށާއި ޕާޓީތައް ޝޯޓްލިސްޓުކުރުމުގައި އެކަމަށް ރިއާޔަތްކުރެވޭނެ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.

މާލޭގައި މިހާރު ބޭނުން ކުރަމުން އަންނަ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ތިލަފުށީގައި އަޅަން ނިންމި ޕޯޓުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމަށް މީގެ ކުރިން އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.