ރީހެބިލިޓޭޝަން ސެންޓަރެއްގައި ނުވަތަ ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި އަށް މަސް ދުވަހު ބަންދުކުރަން ކޯޓުން ހުކުމްކޮށްފައިވަނިކޮށް، މާލެ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ފަޅާއެރި ސ. ހުޅުދޫ 15 އަހަރުގެ ކުއްޖާގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުން ބަލައި، ކޯޓު އަމުރުގައިވާ ގޮތަށް އެ ކުއްޖާ، ރީހެބިލިޓޭޝަން ސެންޓަރަކަށް މިއަދު ބަދަލުކޮށްފި އެވެ.

މިއަދު މެންދުރު އެ ކުއްޖާ ފުރުވާލާފައި ވަނީ ފޭދޫ ފިނޮޅުގައި ހިންގާ ރީހެބިލޭޝަން ސެންޓަރަށެވެ. އޭނާ އެ ރަށަށް ގެންދިޔަ އިރު އާއިލާ އާއި ޖުވެނައިލް ޔުނިޓްގެ އޮފިޝަލުންވެސް އެކުއްޖާ ފުރުވަން ގޮސް ތިއްބެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓާ ޖެނެރަލް ހާމިދު ޔޫސުފް މިއަދު ވިދާޅުވީ، އެ ކުއްޖާ ގަވައިދާ ހިލާފަށް ޖަލުގައި ބަންދުކޮށްފައި ހުރި މައްސަލަ އެނގުނީ ކުއްޖާގެ މައިންބަފައިން ކޯޓު ހުކުމް ހިފައިންގެން އެއޮފީހަށް އައިސް މައްސަލަ ހުށަހެޅުމުން ކަމަށެވެ. އަދި އެފަދަ މައްސަލައެއް ދިމާވި މިއީ ފުރަތަމަ ފަހަރު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގުނީ އެ ކުއްޖާގެ މައިންބަފައިން ކޯޓު ހުކުމްގެ ކޮޕީއެއް ހިފައިގެން އޮފީހަށް އައިސްފައި މިބުނީ އަޅުގަނޑުމެންގެ ދަރިފުޅު ޖަލުގައޭ ހުރީ. އެކަމަކު ކޯޓުން ނިންމައިފައި މިއޮތީ ކުޑަކުދިންގެ ރީހެބިލިޓޭޝަން ތަނެއްގައި ބަހައްޓާށޭ. ދެން އަޅުގަނޑު ވެސް ސިއްސައިގެން ދިޔައީ،" ހާމިދު ވިދާޅުވި އެވެ.

އަދި މިއަދު އެކުއްޖާ ފޭދޫ ފިނޮޅަށް ބަދަލުކޮށްފައިވާ ކަމަށާއި އެތަނުގަ ހިންގާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ހަގީގަތުގައި ހުކުމް ތަންފީޒުކުރާ ކުދިންނަށް އެންމެ ރަނގަޅު ތަނެއް ނޫން. އެކަމަކު ކޯޓު ހުކުމާ އެގޮތަށް އެކަން ތަންފީޒުކުރެވިފައި މިހާރު އެ އޮތީ." ހާމިދު ވިދާޅުވި އެވެ.

ހުޅުދޫ ފިހާރައަކުން 2400ރ. ވަގަށް ނެގި މައްސަލައެއްގައި އެ ފިރިހެން ކުއްޖާ އަށް މަސް ދުވަހަށް ރީހެބިލިޓޭޝަން ސެންޓަރެއް ނޫނީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރަން މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ކޯޓުން ހުކުމްކުރުމުން ފުރަތަމަ ގަމު ޖަލުގައި ބެހެއްޓުމަށް ފަހު ދެން އެ ކުއްޖާ ގެންގޮސްފައި ވަނީ ދޫނިދޫއަށެވެ. އަދި މާލެ ޖަލުގައި ފަހުން ބަންދުކޮށްފައި ހުއްޓާ އެކަން ފަޅާއެރީ ދެވަނަ ފުރުސަތު ޕްރޮގްރާމްގެ ދަށުން މިނިވަންކުރި މީހަކު އެކުއްޖާ ޖަލުގައި ބަންދުކޮށްފައި ހުރިކަން އާއިލާ އަށް އެންގުމުންނެވެ.

"ވަރަށް އުފާވޭ މިހާރު ފޭދޫ ފިނޮޅަށް ބަދަލުކުރީމާ. މިއަދު ފުރުވަން ގޮސްހުރިއިރު ]ކުއްޖާ[ ވާހަކައެއް ވެސް ނުދައްކާ. މަންމަ ބުރަކަށީގައި ފިރުމާލައިފަ ބުނި ދެންވެސް ބަސް އަހައިގެން އުޅެއްޗޭ. ބުނީމަ އާނއެކޭ ބުނި. އެނގޭ ވަރަށް ބޮޑަށް ޝޮކެއް ލިބިފައިކަން ހުރީ އޭނައަށް،" އެކުއްޖާގެ އާއިލާ މީހަކު މިއަދު ބުންޏެވެ.

ކުއްޖާގެ އާއިލާ އިން މިއަދު ބުނީ، އެ މައްސަލަ އިތުރަށް ބަލަން ބޭނުންވާ ކަމަށެވެ. އަދި ހުކުމް ކުރިތާ ދެމަހެއްހާ ދުވަސް ވެގެން ދިޔައިރު ބޮޑެތި ކުށްވެރިންތަކަކާ އެކު ކުއްޖާ ޖަލުގައި ބަންދުކޮށްފައި ބަހައްޓަން ޖެހުނީ ކީއްވެގެންތޯ ކަމާ ބެހޭ ފަރާތްތަކުން ސާފުކުރަމުންދާ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އާއިލާގެ ފަރާތުން އެޝަކުވާ ކުރުމާ ގުޅިގެން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

ހުޅުދޫ ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ، ޑީޕީއާރްއެސްއާ ހަވާލުކުރެވެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓަން އަމުރުކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، ގަމުން މާލެ ގެނެސް، ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ޑީޕީއާރްއެސްއާ ހަވާލުކޮށްފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.