ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު ގިނަ ކުރުމަށް ޓަކައި ތުއްތު ދަރިން ގޮވައިގެން އޮފީހުގައި އުޅެވޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރެހެންދި އެވޯޑު ދިނުމަށް މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ މަސައްކަތް ލިބިފައިވާ ފިރިހެނުންގެ ނިސްބަތަކީ 60 އިން ސައްތަ ކަމަށާއި އެ ނިސްބަތް އަންހެނުންގެ އުޅެނީ 'އެންމެ' 37 އިންސައްތަ ކަމަށެވެ.

އަދި ވަޒީފާއަދާ ކުރާ އަންހެނުންގެ އެ ނިސްބަތް އެހާ ދަށްއިރު، ވަޒީފާ ލިބުމަށް ފަހު އެ ވަޒީފާ ދޫކޮށްލަން ޖެހޭ އަންހެނުންގެ ނިސްބަތް ވެސް އެހާމެ ގިނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންހެނުންނަށް ވަޒީފާ ދޫކޮށްލަން ޖެހޭ ހާލަތު މެދުވެރިވަނީ ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު އާއި ދަރިއަކު ލިބުމަށް ފަހުކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެހެން ކަމުން ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މިހާރު ވެސް ކުރަން ޖެހިފައި އޮތް ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދަރިން ގޮވައިގެން އޮފީހަށް ދެވޭނެ މާހައުލެއް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު މިއަދުން ފެށިގެން މައިންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް، އަދި ބަފައިންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް މުސާރައާ އެކު ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމަކީ ރާއްޖެ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ޖީޑީޕީގެ ނިސްބަތުން ބަލާ އިރު އެންމެ މުއްސަނދި ގައުމަކީ ވެސް ރާއްޖެ ކަމަށެވެ. ނަމަވެސް ރާއްޖެ، ރާއްޖެއަކަށް ހަދައިދިން މީހުންގެ މަތިން ހަނދާން ހުރީ ކިތަން މީހުންތޯ ރައީސް ވަނީ ސުވާލު ކުރައްވައިފަ އެވެ.

"އަޅުގަނޑު މިދަންނަވަނީ މަސް އޮޑި މަހުން ލެފީމާ މަސްބައި ގެއަށް ގެނައިމާ މަސް ލާރިއަށް ހަދައިދޭ ދިވެހި އަންހެނުންގެ ވާހަކަ. އަޅުގަނޑުމެން ދައްކަން މި އުޅެނީ އަލި އުދަރެހުން ވިލޭ އިރު ބޮލި ހިލުމުގައި ފަރުމަތީ ހެލިފެލިވަމުން އެދާ ނަލަ ދިވެހި އަންހެނުންގެ ވާހަކަ. އެއީ އަޅުގަނޑުމެންގެ ރާއްޖައަށް ދުށް ފިސާރި ކަނބަލުންނަކީ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް އިވެނީ އެފަދަ އަންހެނުންނަށް އެދި ދިވެހި ގައުމު ގޮވާ އަޑު ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.