07 Mar 2019, 17:35
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "އުޖާލާ ދިރިއުޅުމުގެ ނަމުގައި ކްރެޑިޓް ފެސިލިޓީ އެއް ތައާރަފު ކޮށްފިއެވެ.
މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޑަކްޓް އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އާއި އެމްއައިބީގެ ސީއީއޯ އަބޫ އިބްތިޝާމް މުހައިމިން އެވެ.
މި ޕްރޮޑަކްޓާއެކު އެމްއައިބީގެ ކަސްޓަމަރުންގެ ތެރެއިން މަހުން މަހަށް މުސާރަ ޖަވާމާ އެކައުންޓު ގެންގުޅޭ ފަރާތްތަކަށާއި އެމްއައިބީ އާއެކު އެއްބަސްވުން އެކުލަވާލާފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށް، މުދާ ނެގޭނެއެވެ. އެގޮތުން އިލެކްޓްރޯނިކްސް އާއި ފަރުނީޗަރު ހިފާގެންގުޅޭތަކެތި އަދި އައުޓްބޯޑު އިންޖީނާއި ސޯލާ ޕެނަލް ފަދަ މުދާ މި ސްކީމުގެ ދަށުން ނެގޭނެއެވެ.
އެމްއައިބީ އިން ބުނީ މި ފެސިލިޓީއާއެކު 25،000 ރުފިޔާ އިން ފެށިގެން 250،000 ރުފިޔާ އާ ދެމެދުގެ ލިމިޓެއް ކޮންމެ ކަސްޓަމަރަކަށްވެސް ލިބޭނެ ކަމަށާއި، ކްރެޑިޓް ލިމިޓް ހަމަޖައްސާނީ އެ މީހެއްގެ މުސާރަ އަށް ބެލުމަށް ފަހު ކަމަށެވެ.
މި ޕްރޮޑަކްތުގެ ދަށުން މުދާ ނަގާއިރު ދެ ދުވަސް ތެރޭ ކްރެޑިޓް ލިމިޓް ހަމަކޮށްދޭނެ ކަމަށާއި އޭގެ ފަހުން މުދާ ގަތުމަށް ބޭނުންވާ ކޮންމެ ފަހަރަކު ވެސް އެއް ދުވަސްތެރޭ މުދާ ނެގޭނެ ކަމަށެވެ.
އުޖާލާ މުސްތަގުބަލް ގެ ދަށުން ނަގާ މުދަލަށްފައިސާ ދައްކާނީ ވަޒީފާ ދޭފަރާތުން މުސާރައިން ކަނޑާގޮތަށް، ނުވަތަ އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަކަށް މުސާރަޖަމާކޮށްގެންނެވެ. އަދި ފެސިލިޓީ ލިމިޓް ހަމަޖެއްސުމަށް ފޯމުލާއިރު އެމްއައިބީގައި އެކްޓިވް އެކައުންޓެއް އޮންނަންޖެހެއެވެ.
މި ސްކީމުގެ ދަށުން ވަޒީފާ އަދާކުރާތާ ހަ މަސްވެފައިވާ އުމުރުން 20 އަހަރާއި 60 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް މުދާ ނެގޭނެއެވެ. މުދާ ނަގާ ފަރާތަކީ އެމްއައިބީ އިން ގަބޫލުކުރާ ތަނެއްގައި ހަ މަސްދުވަހު ވަޒީފާ އަދާ ކޮށްފައިވާ ފަރާތަކަށް ވާންޖެހޭއިރު އެޕްލިކޭޝަނާއެކު ގެރެންޓާއެއްވެސް ހުށަހަޅަން ޖެހެއެވެ. ގެރެންޓާ އަކީ މަހަކު ހަ ހާސް ރުފިޔާގެ މުސާރަ ލިބޭ ރާއްޖޭގައި ވަޒީފާ އަދާކުރާ މީހަކަށް ވާނެޖެހެއެވެ.
ފައިސާ އަނބުރާ ދެއްކުމަށް ހަ މަސް ލިބޭއިރު ސޯލާ ޕެނަލް ފަދަ މުދާ ނަގާނަމަ އަނބުރާ ދެއްކުމަށް ފަސް އަހަރު ލިބޭނެއެވެ. މި ޕްރޮޑަކްތުގެ ދަށުން މުދާ ނެގިނަމަވެސް އެއްވެސް އެޑްވާންސް ޕޭމެންޓެއް އަދި ޕްރޮސެސިން ފީއެއް ދައްކާކަށް ނުޖެހެއެވެ.