މި އަހަރު ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަސްތުވާތަކެތީގެ 1315 މައްސަލަ ހުށަހެޅިފައިވާ އިރު އޭގެތެރެއިން 283 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ މަސްތުވާތަކެއްޗާއި ރަލާ ބެހޭ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ފައިލްކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި ގަނެވިއްކުމުގެ 15 މައްސަލަ އާއި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ 12 މައްސަލަ އާއި މަސްތުވާތަކެތި ބޭނުންކުރުމުގެ 495 މައްސަލަ އާއި މަސްތުވާތަކެތި ގެންގުޅުމުގެ 570 މައްސަލަ އާއި މަސްތުވާ ތަކެއްޗާއި ގުޅުން ހުރި އެހެނިހެން މައްސަލަތައް ހިމެނެ އެވެ.

ފުލުހުން ބުނީ މި އަހަރުގެ މިހާތަނަށް ހޯދާފައިވާ މަސްތުވާތަކެތީގެ މަގުމަތީގެ އަގަށް ބަލާއިރު، 3935200 ރުފިޔާ އަށް އަރާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ 969 މީހުންގެ ތެރޭގައި 76 ކުޑަކުދިންނާއި 893 ބޮޑެތި މީހުން ހިމެނޭ އިރު އޭގެތެރޭގައި 44 ބިދޭސީން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ ތަފާތު 36 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ، މަސްތުވަތަކެތީގެ ތެރެއިން ޝަރުއީ މަރުހަލާއަކަށް ނުދާ މަސްތުވާތަކެތި މި އަހަރުގެ ޖުލައި9 ގައި ނައްތާލެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗަކީ ރާއްޖޭގެ އިޖްތިމާއީ މައިގަނޑު އެއް މައްސަލަ ކަމަށް ވުމާ އެކު ދިވެހި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2011-2013ގައި މަސްތުވާތަކެއްޗާއި ރަލުގެ މައްސަލަތައް ހިމަނިފައި ވަނީ އެންމެ ބޮޑު އިސްކަމެއްދީގެން ހައްލުކުރުމަށް ބޭނުންވާ މައްސަލަތަކުގެ ތެރޭގައި ކަމަށާއި އެގޮތުން މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ކުރަމުން އަަންނަ މަސައްކަތުގެ ދަށުން މިހާތަނަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ގިނަ ބަޔުކު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަދަ ގިނަ އޮޕަރޭޝަންތަކުގެ މައުލޫމާތު އާއްމުކޮށް، އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކުގެ ނަންތައް ވެސް ވަނީ އާއްމުކޮށްފަ އެވެ.

މަސްތުވާތަކެތި ފެތުރުމުގައި ހަރަކާތްތެރިވާ މީހުންނާ ބެހޭ ޑާޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތާއި ގުޅޭ ގޮތުން ތަފްސީލު މައުލޫމާތު ހޯދުމަށާއި އިންޓެލިޖެންސް މައުލޫމާތު ހޯދާ ދެނެގަތުމަށް ކުރާ މަސައްކަތައް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.