ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ، ކުރިން ނިންމާފައިވާ ގޮތަށް ކޯލިޝަން ސަރުކާރަށް ގާނޫނީ ބާރުވެރިކަން ދޭން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތައް ސަރުކާރުގެ ކޯލިޝަނެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތާއި ރޫޅޭނެ ގޮތް ބަޔާންކޮށް ގާނޫނެއްގާނޫނެއްގެ ތެރެއިން އެ ކޯލިޝަނަށް ބާރުވެރިކަން ދޭނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ޕާޓީތަކުން ވަނީ އެއްބަސްވެފަ އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި ދެބަސްވުންތައް އިތުރުވެފައިވާ އިރު، ކުރިން ނިންމި ގޮތަށް ކޯލިޝަން ސަރުކާރަށް ބާރުވެރިކަން ދޭން މަސައްކަތް ކުރައްވާނެތޯ "ސަން" އިން ސުވާލު ކުރުމުން މިއަދު ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރިއަށް ދާނެ. ގާނޫނީ ގޮތުން ކޯލިޝަނެއް އުފެއްދޭނެ ގޮތެއް އަޅުގަނޑުމެންގެ އެޖެންޑާ 19ގައި ހިމެނިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރު ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރުމާ މެދު ދެބަސްވުންތަކެއް އޮތް ނަމަވެސް، އެމްޑީޕީގެ ވިސްނުމަކީ އަދިވެސް ކޯލިޝަން ސަރުކާރެއް އޮތް ކަމަށް ކަމުގަ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ދެކިގެން ތިބެނީ ސަރުކާރު ހިންގުމުގައި ހުރިހާ ޕާޓީތައް އެކުވެގެން ސަރުކާރު ހިންގެން ޖެހޭނެ ކަމަށް. އަދި އެ ނޫން ގޮތަކަށް އެމްޑީޕީއެއް ނުދެކޭ. އެކި އެކި ޕާޓީތަކުގެ ވަޒީރުން، ސްޓޭޓް މިނިސްޓަރުން، ނައިބުން އެ ތިއްބެވި ގޮތަށް އަބަދުވެސް ތިއްބަވާނެ. އެއީ އަޅުގަނޑުމެން އެއްބަސްވާ ކޯލިޝަނެއް. އަޅުގަނޑުމެންނަކަށް އެއްބަސްވެވިފައެއް ނެތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިއްތިހާދުގައި ނުކުންނާކަށް،"

މިހާރު ސަރުކާރު ހިންގަނީ ކޯލިޝަނަކުން ކަމުގައިވީ ނަމަވެސް، ނަޝީދު ވިދާޅުވީ، އެމްޑީޕީ ނުކުންނާނީ މަޖިލީހުގެ ވީހާވެސް ގިނަ ގޮނޑި ހޯދައިގެން މެޖޯރިޓީ ހޯދުމަށް ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ އެވެ. އެމަނިކުފާނު ވާދަ ކުރައްވަން ނިންމަވާފައި ވަނީ މައްޗަންގޮޅި މެދު ދާއިރާ އަށެވެ. އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އެމަނިކުފާނު ވަނީ ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފަ އެވެ.