07 Mar 2019, 14:07
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އެކުގައި ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވި ކޯލިޝަން އުފައްދައި މަސައްކަތް ފެށުމަށް ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިންގެ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ "ކޯލިޝަންގެ ހުރިހާ ޕްރޮގްރާމަކަށް 80 މިލިއަން ރުފިޔާވަރު ހަރަދު ކުރެވުނު" ކަމަށެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ޖާބިރު ފައިސާ ދެއްވި ކަމަށް މީގެ ކުރިން ވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މައުމޫނު ކުރެއްވި މަސައްކަތަށް ޖާބިރު އަތުން ދަރަންޏަށް މައުމޫނު ފައިސާ ނެންގެވި ކަމަށެވެ.
"މައުމޫނު އަޅުގަނޑަށް ފަހުން [ފައިސާ] ދޭގޮތަށް. އަޅުގަނޑު ކީއްކުރަންތޯ މައުމޫނަށް ކޮންޓްރިބިއުޓް ކުރަންޖެހެނީ؟" ޖާބިރު ވިދާޅުވީ މައުމޫން އާއި ނަޝީދު އެއްގަލަކަށް އެރުވުމުގައި ވެސް އޭނާގެ ހިއްސާ އޮންނާނެ ކަމަށެވެ.
"އަނެއްކާ އެވަގުތު އެމްޑީޕީ އަށް ބޭނުންވާ ފައިސާ ވެސް ދިނިން. އެއީ އަޅުގަނޑުގެ ކޮންޓްރިބިއުޝަން. އެ ދިން އަދަދު ރިވީލް [ހާމަ] ކުރާކަށް ބޭނުމެއް ނޫން. އެއީ އަޅުގަނޑުގެ ޕާޓީ،" ޖާބިރު ވިދާޅުވި އެވެ.
ޖާބރު ވިދާޅުވީ ރައީސް މައުމޫނަށް ފަންޑު ކޮށްދެއްވީ ރާއްޖޭގައި އޭރު އޮތް ވެރިކަން ބަދަލުކޮށް ރާޢްޖެއަށް ޑިމޮކްރަސީ ގެނައުމަށް މައުމޫނު މަސައްކަތް ކުރެއްވުމުން ކަމަށެވެ. އެ މަސައްކަތް ކުރުމަށް ފައިސާ ހޯދުމަށް މައުމޫނު ވަޑައިގެންނެވީ ޖާބިރުގެ އަރިހަށް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ބޭނުންވެފައި ހުރީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން،" އޭރު އޮތް ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ފައިސާ ދެއްވި ސަބަބާ ގުޅޭ ގޮތުން ޖާބިރު ވިދާޅުވި އެވެ.
"ރައީސް މައުމޫނު އަތުން ޕާޓީ ގެއްލުމުން ސިޔާސީ މަސައްކަތް ކުރަން ފައިނޭންސް ބޭނުންވީ. އަޅުގަނޑު ބުނީ މައުމޫނާއި ނަޝީދުއާ އެންމެން ކޯލިޝަން ނުހަދަނީސް އެކަން ނުވާނެޔޭ،" ޖާބިރު ވިދާޅުވީ މިހާރު މިއޮތް ސަރުކާރު ކޯލިޝަން އުފެދުނީ އޭނާގެ މާލީ ހިއްސާ އޮވެގެން ކަމަށެވެ.
"އެ ލާރި ދީގެން ކޯލިޝަން އުފެއްދީ. އެ ލާރި ލިބިގެން، ލިބުނު ހުރިހާ ބެނެފިޓެއް މައުމޫނު ނެގީ. އަޅުގަނޑުމެނަން އެއްވެސް އެއްޗެއް ނުދީ،" އެ ފައިސާ މައުމޫނު ދައްކަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި މައުމޫނު ލާރި ނެންގެވީ އެމަނިކުފަނުގެ އަމިއްލަ ފުޅު ގެ "މއ. ކިނބިގަސްދޮށުގެ" ރަހުނު ކުރެވިދާނެ ކަމުގެ ވައުދާ އެކު ކަމަށެވެ.
"އަދި ވެސް ލާރިއެއް ނުދޭ، ވަރަށް އަވަހަށް ކޯޓަށް މައްސަލަ ލާނަން. މިހާރު ކުރިއަށް ދަނީ ޕޭޕާ ވޯކްސް،" ޖާބިރު މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާ އަނބުރާ ދައްކަވަން ޖެހޭނީ އިންޓްރެސްޓާ ވެސް އެކު ކަމަށް ޖާބިރު ވިދާޅުވި އެވެ.
"މައުމޫނު އެންމެ ފަހުން ވެސް ދިމާވެގެން ވިދާޅުވި ފައިސާ ދެއްވާނަމޭ. މައްސަލައަކީ ލަސްވާތީ. އަޅުގަނޑު ފައިސާ ބޭނުންވެގެން ބުނީމާ ވެސް ނުއެއް ލިބުނު،" ޖާބިރު ވިދާޅުވީ އޭރު އެ ފައިސާ ނުދިން ނަމަ މައުމޫނު އަދި ވެސް އިންނަވާނީ "ގޮޅީގައި" ކަމަށާއި ވެރިކަމުގައި އިންނަ ވާނީ ރައީސް ޔާމީން ކަމަށެވެ.
ޖާބިރު، ރައީސް މައުމޫނަށް ފައިސާ ދެއްވި ކަމަށް ބުނާ ވާހަކަ މައުމޫނުގެ ފަރާތުން ވަނީ މީގެ ކުރިން ވެސް ދޮގުކޮށްފަ އެވެ.