07 Mar 2019, 13:55
ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓު ދިން އިރު ހައްގު ނޫން މީހުންނަށް ފްލެޓު ދިނުމަކީ އެމްއެމްޕީއާރުސީގެ ވައްކަމަށް ވުރެ ބޮޑު ވައްކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓުތައް ލިބުނު ފަރާތްތަކުގެ މައުލޫމާތު ރައީސް އޮފީހުން އާންމުކުރީ މި ހަފްތާގެ ހޯމަ ދުވަހު އެވެ. ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓުގައި ފްލެޓު ލިބުމަށް ހައްގުވެރި ނޫން ފަރާތްތައް ހިމެނެ އެވެ. އަދި ސިޔާސީ ބައެއް ބޭފުޅުންގެ އާއިލާތަކުގެ ގިނަ އަދަދެއްގެ މީހުންނަށް ފްލެޓު ލިބިފައިވެ އެވެ.
"މިހާރު އަޅުގަނޑުމެންނަށް ފެންމަތިވެފައިވާ މިވާ މައުލޫމާތުން މާބޮޑަށް ސާފުވެގެން ދަނީ، މި ވައްކަމަކީ، ވެފައިވާ ހިޔާނާތަކީ، އެމްއެމްޕީއާރުސީ އިން ހިންގާފައިވާ ނާޖާއިޒު ކަން ކަމަށް ވުރެ އަދި މާ ބޮޑު އަދި އެހާމެ ހިތާމަވެރި ކަންތައްތަކެއް،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އޮތް މިންވަރު އެނގޭ އިރު، ބޭއިންސާފުން ބޯހިޔާވަހިކަމުގެ އެއްވެސް ކަމެއް ހިންގުން އެއީ ހުރިހާ ރައްޔިތުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން، ޕޮއިންޓު ލިބުނު ގޮތް އެއްގޮތަކަށް ވެސް ނޭނގޭ 169 މީހުންނަށް ފްލެޓު ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަވާ ގޮތުގައި 169 މީހުންނަށް އެބަ އޮތް ޕޮއިންޓު ލިބުނު ގޮތް އެއްގޮތަކަށް ވެސް ނޭނގި އެހެން ނަމަވެސް، އެމީހުންނަށް ފްލެޓު ދެވިފައި. ދަފްތަރުން ފްލެޓު ދިނުމުގައި، އެއީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން. އެމީހުންގެ ތެރެއިން 300 މީހުންނަށް އެބަ އޮތް ހައްގު ނުވާ މީހުންނަށް ދީފައި. އެއީ ދަފްތަރުގައި ނެތް މީހުންނަށް. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހައްގުވާ ފެލްޓުތައް ވެސް މިވަނީ ގޮތް ނޭނގޭ ގޮތަށް ދީފައި،"
ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ކޮޅު ވަނީ ދަފްތަރު ކެޓަރީއިން ފްލެޓު ދިނުމަށް ދަފްތަރުގައި ރެޖިސްޓްރީވުމަށް ހުޅުވާލައިފަ އެވެ. އޭރު ދަފްތަރުގައި ރެޖިސްޓްރީވި މީހުންނަށް ދަފްތަރުގައި ރެޖިސްޓްރީވި ކަމުގެ ލިޔުމެއް ދިން ނަމަވެސް، އައިޑީކާޑުގައި އެ މައުލޫމާތު ނުހިމެނޭ ކަމަށެވެ.
ނަޝީދު ވދާޅުވީ، އެ މައްސަލަތައް ސަރުކާރުން ބަލާ އިރުގައި ފްލެޓު ލިބުނު މީހުންގެ ތެރެއިން ފްލެޓު ލިބުން ހައްގު އެއްވެސް މީހެއްގެ ފްލެޓު ނުގެއްލޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިހާރު ވަރަށް ގިނަ އާއިލާތަކުގެ ކަންބޮޑުވުން އޮތީ، މި 7000 ފްލެޓު ދެވުނު ގޮތާ މެދުގައި. ބައެއް އާއިލާތަކުން އަހާނެ އެއް ސުވާލަކީ މިހާރު ތިމަންނާއަށް ލިބިފައި އޮތް ފްލެޓަށް ވާނީ ކިހިނެއްތޯ. ބައެއް މީހުންނަށް އެބަ ތިބި ހައްގުވާ މީހުންނަށް ފްލެޓު ދެވިފައި. އަދި ބައެއް ފަހަރު ވަރަށް ގިނަ ފަހަރު، އެއްގޮތަކަށް ވެސް ހައްގު ނުވާ މީހުންނަށް ފްލެޓު ދެވިފައި. އަޅުގަނޑުމެން ޔަގީންކަން އަރުވަން ބޭނުން، ހައްގުވާ މީހަކަށް ލިބިފައިވާ ފްލެޓެއް އެއްވެސް ހާލެއްގައި އެއެއް ގެއްލިގެން ނުދާނެ." ނަޝީދު ވިދާޅުވި އެވެ.
މިއަދު ރައީސް ނަޝީދު ވިދާޅުވީ، ފްލެޓުތައް ބެހުމުގައި އެންމެ ބޮޑަށް އިހުމާލުވީ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކަމަށެވެ. އަދި އޭނާގެ މައްޗަށް ތަހުގީގެއް ހިންގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.