12 Oct 2011, 17:47
ފާއިތުވި ހަ އަހަރު ދުވަހު މީޑިއާނެޓުން ފޯރުކޮށްދެމުން އައި ކޭބަލްޓީވީގެ އެނަލޮގް ހިދުމަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށް މީޑިއާ ނެޓުން މިއަދު ބުނެފި އެވެ.
މީޑިއާނެޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިހިނގާ އޮކްޓޯބަރު 15 ވާ ހޮނިހިރު ދުވަހުގެ ރޭ 23:59 އިން ފެށިގެން ކޭބަލް ޓީވީގެ އެނަލޮގް ހިދުމަތް ހުއްޓާލާނެ ކަމަށެވެ.
އަދި އެ ވަގުތުން ފެށިގެން ދެން ފޯރުކޮށްދޭނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މީޑިއާނެޓުން ތައާރަފްކޮށްފައިވާ ޑިޖިޓަލް ހިދުމަތް ކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ މީޑިއާ ނެޓުން ކޭބަލް ޓީވީގެ ޑިޖިޓަލް ހިދުމަތާ އެކު ކަސްޓަމަރުންނަށް ކުރިން ލިބެމުން ދިޔަ ޗެނަލްތަކާއި އިތުރު އެތައް އެތައް ޗެނަލެއް އެއަށް ވުރެ ފުރިހަމަ ގޮތުގައި ފޯރު ކޮށްދޭނެ ކަމަށެވެ. އަދި އެނަލޮގް ހިދުމަތަށް ވުރެ ޑިޖިޓަލް ހިދުމަތުގެ އަގު ނިސްބަތުން ކުޑަވާނެ ކަމަށް މީޑީޔާނެޓުން ބަޔާން ކޮށްފައިވެ އެވެ.
އަދި އެނަލޮގް ހިދުމަތަށް މިހާރު ބޭނުން ކުރާ ފަރާތްތަކަށް ހާއްސަ އަގުތަކަކާ އެކު ފަސޭހަ ގޮތެއްގައި ޑިޖިޓަލް އަށް ބަދަލު ކުރުމުގެ މަގު ފަހިކޮށް ދެވޭނެ ގޮތް މީޑިއާ ނެޓުން ރާވައިގެން ކުރިއަށް ގެންދާ ކަމަށް ބަޔާން ކޮށްފައިވެ އެވެ.
މީގެ އިތުރުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މީޑިއާ ނެޓުން ތައާރަފް ކޮށްފައިވާ ހިދުމަތާ އެކު އިތުރު ހިދުމަތްތަކެއް ކަސްޓަމަރުންނަށް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.