މިއަދުން ފެށިގެން މައިންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް، އަދި ބަފައިންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް މުސާރައާ އެކު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވައިފިއެވެ.

އަންހެނުންގެ ދުވަހާއި ގުޅުވައިގެން މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެންދި އެވޯޑު ދިނުމަށް މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަ މަސްދުވަސް ލިބޭނެ ކަމަށެވެ.

"ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ "ސިވިލް ސާވިސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވްވެސް މުސާރައާއެކު" މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ހަ މަސް ނުވާ ދަރިން ތިބިނަމަ، އެކުދިންގެ އުމުރުން ހަ މަސް ވަންދެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެ ކުދިންގެ މައިންބަފައިންނަށް މިއަދުން ފެށިގެން ޗުއްޓީ ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މައިންނަށް ހަ މަސްދުވަހުގެ ޗުއްޓީ މުސާރައާއެކު އަދި ބައްޕައިންނަށް މުސާރަ އާއެކު އެއް މަސްދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ވަޒީފާގައި އުޅޭ އަންހެނުންގެ ތެރެއިން ދަރިން ލިބުމުން ވަޒީީފާ ދޫކޮށްލާ މީހުންގެ އަދަދު ގިނަ ކަމަށާއި އެކަން މަދު ކުރުުމަށް ކުޑަ ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ ހަމައެކަނި ގާނޫނު އިސްލާހުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ބޭނުން ވަނީ ހުރިހާ ދާއިރާގައިވެސް މަތީ މަގާމުތަކުގައި އަންހެނުންގެ ހިއްސާ ބޮޑުކުރަން ކަމަށެވެ

"އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ދާއިރާއެއްގައިވެސް މަތީ މަޤާމުތަކުގައި އަންހެނުންގެ ހިއްސާ މިހާރަށް ވުރެ ވަރަށް ބޮޑަށް އިތުރުކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އެ އަމާޒަށް،"

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓުގެ 35 ޕަސެންޓަކީ އަންހެނުން ކަމަށެވެ. އެމްބެސެޑަރުންނާއި ޑެޕިއުޓީ އެމްބެސެޑަރުންގެ ތެރޭގައިވެސް އަންހެނުންގެ ހިއްސާ އިތުރު ކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ ސިޔާސަތުތައް އެކުލަވާލާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް،"