07 Mar 2019, 12:04
ޖަރުމަނު ޓީމުގެ ހެޑް ކޯޗް ޖޯޗިމް ލޯ އެ ޓީމުގެ އެންމެ ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ތޯމަސް މުލާއާއި ޖެރޯމް ބޮއެޓެންގް އަދި މެޓް ހަމެލްސް ބޭރު ކުރުމުން މުލާ ރުޅިގަދަ ވެއްޖެއެވެ.
ވޭތުވެ ދިޔަ އަހަރުގެ ބޮޑު ނާކާމިޔާބުގެ ސަބަބުން ޓީމަށް ބޮޑު ބަދަލެއް ގެނައުމުގެ ގޮތުން ލޯ އިއްޔެގެ ވަގުތެއްގައި ވަނީ މުލާއާ އެކު އޭނަގެ ބަޔާން މުނިކުގެ ދެ ޓީމް މޭޓްސް ޖަރުމަނުގެ ސްކޮޑުން ބޭރު ކޮށްފައިވާ ކަމަށް އިއުލާން ކޮށްފައެވެ.
އުމުރުން 30 އަހަރުގެ މުލާ ވަނީ އެންމެ ފަހުން ޖަރުމަނާއި ނެދަލެންޑު ބައްދަލު ކުރި މެޗުގައި ކުޅެ އެ ޓީމާއި އެކު 100 މެޗު ހަމަ ކޮށްފައެވެ. އަދި ބޮއެޓެންގްއާއި ހަމެލްސް ވެސް ވަނީ އެ ޓީމަށް އެތައް މެޗުތަކެއް ކުޅެދީފައެވެ.
ޖަރުމަނުގެ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕު އުފުލާލި އިރު ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިން ތަކެއް ކުއްލި ގޮތެއްގައި ޓީމުން ބޭރު ކުރަން ލޯ ނިންމީ ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ބޮޑު ނާކާމިޔާބީއާއި މިހާރު ކުރިއަށްދާ ޔޫއެފްއާ ނޭޝަން ކަޕް އިން އެ ޓީމު ކެޓުމާ ގުޅިގެން ޓީމު ބަދަލު ކޮށްލަން ބޭނުންވާ ކަމަށް ބުނެ އެވެ.
ނަމަވެސް ތޯމަސް މުލާ ވަނީ އޭނާ ޓީމުން ބޭރު ކުރި ކުރުން ބަލައި ނުގަނެވޭނެ ކަމަށް ބުނެ ކޯޗުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭނާ ބުނީ ކޯޗުގެ އެ ނިންމުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ފަދަ ނިންމުމެއް ކަމަށެވެ.
"އަހަރެންނަކަށް ނުވިސްނުނު ކުއްލިގޮތަކަށް އަހަރެން ޓީމުން ބޭރު ކޮށްލަން ޖެހުނު ސަބަބެއް. މެޓްސް، ބޮއެޓެންގް އަދި އަހަރެންނަކީ އަދިވެސް އެންމެ މަތީ ފަންތީގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން. ޖަރުމަނުގެ ޓީމާއި އެކު ގިނަ ދުވަސްތަކެއް އެކީ ކުޅެފަ ތިބި ކުޅުންތެރިންތަކެއް ކުއްލިޔަކަށް ޓީމުން ވަކި ކުރުމަކީ ބަލައިގަނެ ވޭނެ ކަމެއް ނޫން،" ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި މުލާ ބުންޏެވެ.
މީގެ އިތުރުން ކޯޗަކީ ގޮތް ނިންމަން ހުންނަ ފަރާތް ކަމަށާއި ކޯޗުގެ ނިންމުމަށް އިހުތިރާމް ކުރި ނަމަވެސް ކުރިން އެ ކުޅުންތެރިން ވަކި ކުރިކަން ނިންމި ވާހަކަ ކުޅުންތެރިންނާ ކޯޗު ހިއްސާ ކޮށްފައި ނުވާ ކަމަށް މުލާ ބުންޏެވެ. އަދި އެ ހަބަރު ލިބުނީވެސް އިއްޔެގެ ނޫސް ކޮންފަރެންސް ބަލާލުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޖަރުމަނު ޓީމުން ކުއްލި ގޮތަކަށް ވަކިކުރި ތިން ކުޅުންތެރިން ރަމްޒު ކޮށްދޭ ބަޔާން މުނިކް އިން ވެސް މި މައްސަލައިގަައި ލޯ އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި މި ނިންމުމުގެ ސަބަބުން ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބަޔާން އިން ވަނީ ބުނެފަ އެވެ.