ބާސެލޯނާގެ ތަރި ލިއޮނެލް މެސީއާ ނުލައި ކުޅުނު ކެޓަލަން ސުޕަ ކަޕުން އެ ޓީމު ބަލިކޮށް ޖިރޯނާ ތަށި ހޯދައިފި އެވެ.

ކެޓަލަން ސުޕަ ކަޕް އަކީ ކެޓަލަން ކުލަބުތަކުގެ ތެރޭން ސްޕެނިޝް ލީގުގެ ތާވަލުގެ އެންމެ ކުރީގައި އޮތް ދެ ކުލަބުގެ ދެމެދުގައި ކޮންމެ އަހަރަކު ވެސް ކުޅެމުން އަންނަ މުބާރާތެކެވެ. އެގޮތުން އެއްވަނާގައި އޮތް ބާސެލޯނާ އާއި ތާވަލުން ދެން އެންމެ ކުރީގައި އޮތް ޖިރޯނާ ރޭ ބައްދަލު ކުރި މެޗު ނިމިގެން ދިއައީ 0-1ގެ ނަތީޖާ އަކުން ޖިރޯނާ ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގެ ގިނަ ކުޅުންތެރިންތަކެއް ކުޅެފައެއް ނުވެ އެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ، ޖޯޑީ އަލްބާ، ލުއިސް ސުއަރޭޒް، އުސްމާން ޑެމްބެލޭ، ސާޖިއޯ ބުސްކެޓް އަދި ރަކިޓިޗް ފަދަ މުހިއްމު ކުޅުންތެރިންތަކެއް ރޭގެ މެޗުގައި ނުކުޅެ އެވެ.

މި މެޗަކީ އެހާ މުހިއްމު މެޗަކަށް ނުވެފައި ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އެގޮތަށް ނިންމީ އަންނަ ހަފްތާ ޗެމްޕިއަންސް ލީގު މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ މެޗުގައި ބާސެލޯނާއަށް އަލަށް މި ސީޒަނުގައި ގުޅުނު މެލްކޮމް އާއި ޕްރިންސް ބޮއެޓެންގްގެ އިތުރުން އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު އައިސް ފްރާންސްގެ ޑިފެންޑަރު ސަމުއެލް އުމްޓިޓީ ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. އަދި ބާސާ ބީ ޓީމުގެ ބައެއް ކުޅުންތެރިންތަކަކަށް ވެސް ރޭގެ މެޗުގައި ކޯޗު ވަނީ ފުރުސަތު ދީފަ އެވެ.

މެޗުގައި ޖިރޯނާ އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިއަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްރިސްޓިއަން ސްޓުއާނީ އެވެ.

މި ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މިދިޔަ އަހަރު އެ ކަޕުގައި ވާދަ ކުރީ އެސްޕަންޔޯލްއާ އެވެ. އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ ޕެނަލްޓީޝޫޓްއަކަށް ގޮސްގެންނެވެ.