ހެންވޭރު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ލޯންޗު ކުރުން މާދަމާ ރޭ އޮންނާނެއެވެ.

މާދަމާރޭ 8:30 ގައި ކުޑަހެންވޭރު ދަނޑު ސަރަހައްދުގައި ބާއްވާ މި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އަލްހާންގެ ކެމްޕެއިން ލޯންޗު ކުރުމަށް ބާއްވާ ހަފްލާއަށް ހެންވޭރު ދެކުނުގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވައިފައެވެ.

އަލްހާން މީގެ ކުރިން ވިދާޅުވީ ހެންވޭރު އުތުރަށް ވާދަކުރެއްވި ނަމަވެސް މަސައްކަތް ކުރައްވާނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް ކަމަށެވެ. ސިޔާސީ ޕާޓީތަކުގައި މިނިވަންކަން އޮންނަން ޖެހޭނެ ކަމަށާއި އެހެން ނޫނީ ހަގީގީ ޑިމޮކްރަސީ އާއި ގައުމު ކުރިއަށް ދިޔުމުގެ ފިކުރެއް ނުހޯދޭނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

މީގެ ކުރިން ފޭދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރެއްވި އަލްހާން ވިދާޅުވީ، ހެންވޭރު އުތުރު ދާއިރާގެ ގޮނޑިއާ އޭނާ ކުރިމަތިލެއްވި ހިސާބުން ފެށިގެން އެ ދާއިރާގެ ގިނަ ރައްޔިތުންތަކެއް އޭނާއަށް ގުޅައި މެސެޖު ކުރަމުންދާ ކަމަށެވެ. އަދި އެ ރައްޔިތުންނާއި އޭނާއާ ދެމެދު 'ހިތާ ހިތުގެ ގުޅުމެއް' އުފެދިފައިވާކަން ވެސް އަލްހާން ވިދާޅުވި އެވެ.

އަލްހާންގެ ފަހަތުގައި ގިނަ އަދަދެއްގެ 'ގުންޑާއިން' ތިބޭ ކަމަށް އެކި ފަރާތްތަކުން ބުނަމުންދާތީ އޭނާ ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ.

"އެ ކުދިން މިތާ މަގުމަތީގައި އަޅުގަނޑާ އެކު ތިބޭ ތިބުމަށް ބޯ ދިގު ކޮށްފައި ހުންނަ ހުރުމަކީ އެ ކުދިންނާ ދިމާލަށް ކުށްވެރިންކަމަށް ދެކި ނުވަތަ ގޭންގް ސްޓާރުންކަމަށް ދެކި ބަޔަކު އިނގިލި ދިއްކޮށް އެކުދިންގެ އަބުރު ކަތިލައި އެކުދިންގެ އާއިލާއަށް އެކުދިންގެ މައިންބަފައިންގެ އިއްޒަތް ކަނޑާލަން ލިބޭ ފުރުސަތެއް ނޫން އެއަކީ އެއް،" އަލްހާން ވިދާޅުވި އެވެ.