މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހިތްދަތި ގޮތަކަށް އޭއެސް ރޯމާ ކަޓުވާލައި ޕޯޓޯއިން ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ރޯމާގެ ހިތްތައް ޕޯޓޯ އިން ފުނޑު ފުނޑު ކޮށްލީ 1-3 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި 1-2 ގެ ނަތީޖާއަކުން ރޯމާ މޮޅުވި ނަމަވެސް ޕޯޓޯއިން ރޭގެ މެޗުގައި ލިބުނު މޮޅާ އެކު ކުއާޓާއަށް ދަތުރު ކުރީ 3-4 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ހަތަރު ޓީމެއް އެ މުބާރާތުގެ ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފައިވާ އިރު ބާކީ އޮތް ހަތަރު ޓީމު އެނގޭނީ އަންނަ ހަފްތާގެ މެޗުތައް ކުޅުނީމައެވެ. ރޭގެ މެޗު ތަކުން މޮޅުވި ޕޯޓޯއާއި މެންޗެސްޓާ ޔުނައިޓެޑް އަދި އޭގެ ކުރީރޭގެ މެޗުތަކުން މޮޅުވި އަޔެކްސް އާއި ޓޮޓެންހާމް ވަނީ ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފައެވެ.

ރޭ ރޯމާއާއި ޕޯޓޯ ބައްދަލު ކުރި މެޗު ފެށިގެން ދިއައިރު ވެސް ދެ ޓީމުގެ ދެމެދުގައި ވަނީ ހޫނު ކަމެއް އުފެދިފައެވެ. ޖުމްލަ ނުވަ ރީންދޫ ކާޑު ރޭގެ މެޗުން ފެނިގެން ގޮސްފައި ވެއެވެ.

އެ މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނަޓުގައި ޕޯޓޯ އިން ލީޑު ނެގި ނަމަވެސް އޭގެ 10 މިނަޓުފަހުން ރޯމާއަށް ލިބުނު ޕެނަލްޓީއެއް އެ ޓީމުގެ ކެޕްޓަން ޑެނިއެއްލާ ޑެ ރޮސީ ވަނީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އެ ގޯލާއި އެކު ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރެއްގެ ކުޅުމެއް ކުޅެމުން ދިޔަ ވަގުތު ޕޯޓޯއަށް އަނބުރާ ލީޑު ނަގައިދިނީ އެ ޓީމުގެ ފޯވާޑް މޫސާ މަރޭގާއެވެ. އެ ގޯލާއި އެކު އެގްރިގޭޓްގެ ނަތީޖާއަކުން ޕޯޓޯ އެއްވަރު ވުމުން އެ ޓީމަށް ވަނީ ހިއްވަރު ލިބިގެން ގޮސްފައެވެ.

ދެ ޓީމުގެ ނަތީޖާވެސް އެއްވަރު ވެފައި ވާތީ މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތު ކުޅެން ޖެހުނެވެ. މި ވަގުތުގެ ތެރޭގައި ރެފްރީ ވަނީ ޕޯޓޯއަށް ޕެނަލްޓީއެއް ދީފައެވެ. ޕެނަލްޓީޝޫޓްއަކަށް ދާން އެންމެ ތިން މިނަޓަށް ވެފައި ވަނިކޮށް ޕޯޓޯއަށް ލިބުނު ޕެނަލްޓީއާ ގުޅިގެން ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިގެން ގޮސްފައެވެ.

ނަމަވެސް ރެފްރީގެ ނިންމުން ބަދަލުނުވެ ޕޯޓޯގެ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން ވަނީ ރޯމާގެ ހިތްތައް ފުނޑުފުނޑު ކޮށްލާފައެވެ. އެ ޕެނަލްޓީ އެ ޓީމަށް ޖަހައިދިނީ އެލެކްސް ޓެލެސްއެވެ.