12 Oct 2011, 16:31
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން]އެމްބީސީ[ގެ ބަޖެޓް ހިފެހެއްޓި މައްސަލައާ ގުޅިގެން ފައިނޭންސް މިނިސްޓަރު ކޯޓަށް ވަޑައިނުގެން އިސްތިއުނާފު ކުރެއްވި މައްސަލަ ބެލޭނީ އިތުރު މައުލޫމާތު ލިބިގެން ކަމަށް ހައި ކޯޓުން ބުނެފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒުގެ މައްޗަށް އެމްބީސީން ސިވިލް ކޯޓްގައި އުފުލި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން އިނާޒަށް ފޮނުވާފައިވާ "ކޯޓަށް ހާޒިރުވުމުގެ އަމުރަށް" ކިޔަމަން ނުވެ އޭނާ ވަނީ މަތީ ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރައްވައިފަ އެވެ.
ކޯޓަށް ހާޒިރުވުމުގެ އަމުރު އިނާޒަށް ލިބިވަޑައިގެންފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ ވަކީލު ވިދާޅުވުމުން ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަރީފް މިއަދު ކުރެއްވި ސުވާލަކީ "އެ އަމުރު ލިބިވަޑައިގެންނެވިތާ އެއް މަސް ފަހުން އިސްތިއުނާފަށް ހުށަހެޅީ ކީއްވެގެންތޯ؟،"
ދައުލަތުގެ ވަކީލު ވިދާޅުވީ އެ އަމުރާ ބެހޭ މައުލޫމާތު އޭޖީ އޮފީހަށް ލިބިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
އަދި މަސް ދުވަސް ވަންދެން އިސްތިއުނާފަށް ހުށަނާޅައި އޮތް ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ އަމުރުލިބިވަޑައިގަތުމުން އިނާޒު އަމަލުކުރެއްވީ ކިހިނެއްކަން ސާފުކުރުމަށް ޝަރީފް ސުވާލު ދެންނެވުމުން ވެސް އޭޖީގެ ވަކީލު ވިދާޅުވީ އެކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެ ސުވާލުތަކުގެ ޖަވާބު ދެވިފައިނުވާތީ ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ މި މައްސަލަ ބެލޭނީ އެ ސުވާލުތަކުގެ ޖަވާބު ލިބިގެން ކަމަށެވެ. އަދި ދެން އޮންނަ ޝަރީއަތަކަށް އެ ސުވާލުތަކުގެ ޖަވާބު ގެނެސް ދެއްވުމަށް ވެސް ފަނޑިޔާރު އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުގެ ކިބައިން އެދިވަޑައިގަތެވެ. އަދި އެ މައްސަލައާ ގުޅިގެން ހުށަހަޅަން ޖެހޭ އެއްވެސް ލިޔުމެއްވާ ނަމަ އެ ލިޔުމެއް ވެސް ދެން އޮންނަ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ވެސް ގާޒީ ވަނީ އޭޖީގެ ވަކީލަށް ދެއްވައިފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ އޭޖީގެ ވަކީލު ވިދާޅުވީ ދައުލަތަށް ރައްދުވާ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރަން ޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި އެމްބީސީން ހުށަހަޅާފައިވާ މައްސަލައަކީ ފިނޭންސް މިނިސްޓްރީން އެ ކޯޕަރޭޝަނަށް ބަޖެޓް ނުދީގެން ކޮށްފައިވާ ދައުވާއަކަށް ވާތީ، އިނާޒަކީ އެ މައްސަލައާ ސީދާ ގޮތުން ގުޅުން ހުރި މީހަކަށް ނުވާތީ އިނާޒް ކޯޓަށް ހާޒިރުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ބަޖެޓް ހިފަހައްޓާފައިވާ ކަމަށް ބުނެ އެމްބީސީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށްގެންދިއުން ވަގުތީގޮތުން އެ ކޯޓުން ވަނީ މެދުކަނޑާލާފަ އެވެ.