ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ފުރިހަމަ "އެނބުރި އައުމަކުން" އައިސް ޕީއެސްޖީ ކަޓުވާލައި މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޔުނައިޓެޑްއިން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާ އަކުންނެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތި ލުމުގައި ދެ ގޯލުގެ ތަފާތަކުން ޔުނައިޓެޑް ބަލި ވެފައި ވީ ނަމަވެސް ރޭގެ މޮޅާ އެކު އެ ޓީމު ކުއާޓާއަށް ދަތުރު ކުރީ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެފައި ވާތީ އަވޭ ގޯލަށް ބަލައިގެންނެވެ.

ޕީއެސްޖީއާއި މެންޗެސްޓާ ޔުނައިޓެޑް ވާދަ ކުރި މެޗުގައި މާކަސް ރަޝްފޯޑް ގޯލު ޖެހުމަށް ފަހު ސެލެބްރޭޓް ކުރާ މަންޒަރު --- ފޮޓޯ/ ސަޗާ ޕިސަނީ

މީގެ ކުރީން ޔޫރަޕުގެ ބޮޑު އެެއްވެސް މުބާރާތެއްގެ ފުރަތަމަ ލެގުގައި، އަމިއްލަ ދަނޑުގައި ދެ ގޯލުގެ ތަފާތުން ބަލިވެ ރަށުން ބޭރުގައި ކުޅޭ މެޗުގައި ނަތީޖާ އަނބުރައި ލެވުނު އެއްވެސް ކުލަބެއް ނެތެވެ. މި ފަހުރުވެރި ޝަރަފު މެންޗެސްޓާ ޔުނައިޓެޑް ހޯދުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝަޔާއަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ.

ރޭގެ އެ ފޯރިގަދަ މެޗު ފެށިގެން ދެވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑްއިން ވަނީ ގޯލެއް ޖަހައިފައެވެ. ރޮމެލޫ ލުކާކޫ މި ގޯލު ޖެހީ ޕީއެސްޖީގެ ޑިފެންޑަރެއްގެ އަތުން ހެދުނު ގޯހަކުން ފައިދާ ނަގައިގެންނެވެ.

މި ގޯލަށް ފަހު މުޅި ގޭމު ޑޮމިނޭޓް ކޮށްގެން ކުޅުނީ ޕީއެސްޖީއެވެ. އެ ގޮތުން ފުރަތަމަ ހާފު ނިންމައިލި އިރު އެ ޓީމުގެ ބޯލް ޕޮސެޝަންގެ ގޮތުގައި 72 ޕަސަންޓު އޮތެވެ. އަދި އެ ޓީމުން ވަނީ ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖެހިތާ 10 މިނެޓު ފަހުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ޕީއެސްޖީއިން ރޭގެ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރިއެވެ. ނަމަވެސް ޔުނައިޓެޑްގެ ހުނަރުވެރި ކީޕަރު ޑޭވިޑް ޑެ ހެއާ އަދި ޓީމުގެ ޑިފެންޑަރުންގެ ހުޝިޔާރުކަމުން ޕީއެސްޖީއަށް އިތުރު ގޯލެއް ޖެހުނަ ނުދީ އެ ޓީމުން ވަނީ ހިފަހައްޓައިފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާ --- ފޮޓޯ/ ސަޗާ ޕިސަނީ

މެޗުގެ 30 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ދުރުން ފޮނުވައިލި ބާރުގަދަ ހަމަލާއެއް ޕީއެސްޖީގެ ކީޕަރު ޖިއަންލުޖީ ބުފޮން ދިފާއު ކުރާން އުޅުމުގެ ތެރޭގައި ރިބައުންސަށް ނުކުތުމުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލުކާކޫ ވަނީ ޔުނައިޓެޑްއަށް ލީޑު އަނބުރައި ހޯދައިދީފައެވެ.

އެ ގޯލާ އެކު ޔުނައިޓެޑްގެ އުއްމީދު މުޅިން އާ ވެ ހިތްވަރާ އެކު އިތުރު ގޯލެއް ޖެހުމަށް މަސައްކަތް ފެށިއެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ކުޅުންތެރިއަކު ގޯލަށް ޖެހި ބޯޅަ އޭރިއާ ތެރެއިން ޕީއެސްޖީގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ވަނީ ވީޑިއޯ ބެލުމަށް ފަހު ޔުނައިޓެޑްއަށް ޕެނަލްޓީއެއް ދީފައެވެ.

ބޮޑު ހަމަނުޖެހުމަކަށް ފަހު ރެފްރީގެ ނިންމުން ބަދަލު ނުވެ ރަޝްފޯޑު ފޮނުވާލި ޕެނަލްޓީ ގޮސް ވަނީ މަތީ ކަނަށެވެ. މި ގޯލާ އެކު ޔުނައިޓެޑް ވަނީ ތާރީހުގެ ތެރެއަށް ވަދެ ޕީއެސްޖީގެ މުއައްޔިދުންގެ ހިތްތައް ފުނޑުފުނޑު ކޮށްލައިފައެވެ.