މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ މައްސަލައިގައި ހައްޔަރުކުރީ ފުލުުހުންގެ މަދަނީ މުވައްޒިފެއް ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުން ބުނީ ކަސްޓަމްސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ސްރީލަންކާއިން ރާއްޖެ އައި 29 އަހަރުގެ ދިވެއްސެއްގެ ފޮށި ތަންމަތި ބަލައި ފާސްކުރިިއިރު ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ތެރޭގައި ހިމެނީ 1491 ގްރާމް ހަޝިޝް އޮއިލް އަދި 529ގްރާމް ހެރޮއިނެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށް އޭނާގެ ޒިންމާތަކުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ ނަމެއް ހާމައެއް ނުކުރެއެވެ.

ހަމަ އެ ދުވަހު ވައިގެ މަގުން ރާއްޖެ އައި އިންޑިއާގެ 26 އަހަރުގެ މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ. އޭނާގެ ފޮށި ތަންމަތި ބަލައި ފާސްކުރިިއިރު ޕެކިން އާއެކު 998 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ދެ މައްސަލައިގައި ޖުމްލަ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، މި މައްސަލައިގައި ޝާމިލުވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.