06 Mar 2019, 23:19
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް ކަމަށާއި އެނޫން ކެންޑިޑޭޓެއް ނެތް ކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާ އަމީނިއްޔާ ސްކޫލްގައި މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ވައުދުތަކެއް ވެގެން ކަމަށާއި އެ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި އެ ވައުދުތައް ފުއްދުމަށް އެ ވައުދުތައް ގަބޫލު ކުރާ ބަޔަކު މަޖިލީހުގައި ތިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ސާފު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކެންޑިޑޭޓަކީ ކާކުކަން. އެމްޑީޕީގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް. އެނޫން ކެންޑީޑޭޓެއް ނެތް. އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި އެމްޑީޕީން ވަރަށް މުހިންމު ދައުރެއް އަދާ ކުރި ކަމަށެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި ރައީސް މައުން އަބްދުލް ގައްޔޫމުގެ މަސައްކަތްތައް ވެސް ހަދާން ނުނެތޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުން ވި ވައުދުތައް ފުއްދުމަށްޓަކައި އެމްޑީޕީގެ "ބައިވަރު މެމްބަރުން" މަޖިލީހަށް އިންތިހާބުވުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ، މަޖިލިސް އިންތިހާބަށް އެމްޑީޕީން މިފަހަރު މި ނިކުންނަނީ ނިމިދިޔަ ދެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ނާކާމިޔާބުން ތަޖުރިބާ ލިބިގަނެ، ވަރަށް ތައްޔާރުވެގެން ކަަމަށެވެ.
"އަޅުގަނޑަކީ އެމްޑީޕީގެ މެމްބަރެއް. އަޅުގަނޑަކީ ތިބޭފުޅުންގެ ކެމްޕެއިންގައި ބައިވެރި ހުރި މީހެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.