ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ބައިވަރު ގޮނޑި ކާމިޔާބުވާ މަންޒަރު ވަރަށް ސާފުކޮށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ނިސްބަތްވާ ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާ އަކަށް ވާދަ ކުރެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާ އަމީނިއްޔާ ސްކޫލްގައި މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އިރާދަކުރެއްވިއްޔާ މި އިންތިހާބުގައި އެމްޑީޕީން ބައިވަރު ގޮނޑިތައް ނަގާތަން އެމަނިކުފާނަށް ފެންނަ ކަމަށާއި އެކަން ކުރުމަށް ކުރަން ޖެހޭ ކަމަކީ އެއް އަމާޒަކަށް އެއް ޓީމެއްގެ ގޮތުން އެމްޑީޕީން މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑަށް ދުރުން ވަރަށް ސާފުކޮށް ފެނޭ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ގިނަ ގޮނޑިތަކެއް، ބައިވަރު ގޮނޑި ތަކެއް އެމްޑީޕީ އަށް ކާމިޔާބު ވާ ތަން. ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެން އެއް ޓީމެއްގެ ގޮތުގައި އެއް އަމާޒަކަށް ކުރިއަށް ދިއުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ -- ސަން ފޮޓޯ

ރައީސް ސޯލިހު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެ އިންތިހާބުގައި ވެސް އެ ޕާޓީއަށް މެޖޯރިޓީ ނެނގޭ ގޮތް ނުވާ ކަމަށާއި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންވީ ކަންތައްތައް އެމްޑީޕީ އެނގޭ ކަމަށެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް އެމްޑީޕީން ނިކުންނީ މާޒީގެ ދެ މަޖިލިސް އިންތިހާބުގައި ލިބުނު ތަޖުރިބާގެ އަލީގައ،ި ވަރަށް ބޮޑަށް އިންތިހާބަށް ތައްޔާރު ވެގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މި ވޭތުވެދިޔަ 2008 އަހަރުން ފެށިގެން ބޭއްވުނު ދެ އިންތިހާބުގައި ވެސް އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެނގޭނެ ގޮތް ވަނީ ނުވެފައި. އެ ތަޖުރިބާގެ އަލީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ނިކުންނަނީ ވަރަށް ބޮޑަށް ތައްޔާރު ވެގެން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

"މަޖިލީހުގެ ބޮޑު އަޣުލައްބިއްޔަތެއް އެމްޑީޕީއަށް އޮންނަން ޖެހޭ"

އެމްޑީޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލިސް މުހިންމުވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ވަރަށް ގަދަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެގޮތުން މަޖިލީހަކީ ސަރުކާރެއް ހުއްޓުމަކަށް ގެނެވިދާނެ ބާރެއް ކަމަށާއި އެގޮތަށް ސަރުކާރެއް ހުއްޓިއްޖެ ނަމަ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭނެ ގޮތެއް ނުވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ބޮޑު އަގުލަބިއްޔަތެއް އޮންނަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަކީ ސަރުކާރެއް ހުއްޓުމަކަށް ގެނެވިދާނެ ބާރެއް. އެހެން ކަމަށް ވާނަ، މިގޮތަށް ސަރުކާރެއް ހުއްޓިއްޖެ ނަމަ އަޅުގަނޑުމެންނަށް ވައުދުތައް ފުއްދޭނެ ގޮތެއް ނެތް،"

"އެހެންވީމާ އަޅުގަނޑުމެން މި ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލައްބިއްޔަތެއް އެމްޑީޕީއަށް އޮންނަ ޖެހޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ މެމްބަރެއް. އަޅުގަނޑަކީ ތިބޭފުޅުންގެ ކެމްޕެއިންގައި ބައިވެރި ހުރި މީހެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ،"ރައީސް ސޯލިހްގެ ވާހަކަ ނިންމަވާލަމުން ވިދާޅުވިއެވެ.