މާލޭގެ ތިން ކެފޭއަކަށް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެގޮތަށް ހުއްދަ ދީފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ސީ ހައުސް ކެފޭ އާއި ސޯސަން މަގުގައި އިންނަ ސެފްރޮން ކެފޭގެ އިތުރުން ހާބަރު ފުޑްކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސްއަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރީ ކުރުމުގެ ހުއްދައަށް އެދެވޭނީ މާލޭގެ ބޮޑެތި މަގުތަކުގެ ތެރެއިން 12 މަގެއްގައި ހިންގާ ތަންތަނަށް ކަމަށެވެ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި އެކަންޏެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުގައި ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިން ނަމަވެސް ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ޖެހެއެވެ. އަދި އެހެން ހުރިހާ ވަގުތެއްގައި ހުޅުވާފައި ބަހައްޓަން ވާނެ ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ.

މާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިން އިރު އައްޑޫގައިވެސް 24 ގަޑިއިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.