06 Mar 2019, 20:54
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ބައެއް ތަންތަނުގައި ރަޖިސްޓްރީ ވި މީހުންގެ އަދަދު ކަނޑައެޅި އަދަދަށް ވުރެ މަދުވުމުން އެތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަންގެ ތަރުޖަމާނު އަދި މެންބަރު އަހްމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ، ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމާފައިވަނީ ބަންގްލަދޭޝް އާއި ސިންގަޕޫރު އާއި އިންޑިއާގެ ނިއުދިއްލީގެ އިތުރުން ރާއްޖޭގެ ފަސް ރިސޯޓެއްގައި ކަމަށެވެ.
އެގޮތުން ބަންގުލަދޭޝް އާއި ސިންގަޕޫރުގެ އިތުރުން އިންޑިއާގެ ނިއުދިއްލީގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ އެ ތަންތަނަށް ވޯޓުލުމަށް 100 އަށް ވުރެން މަދު މީހުން ރީ ރެޖިސްޓްރީ ކުރުމުން ކަން އަކްރަމް ފާހަގަކުރެއްވި އެވެ. އަދި ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 އަށްވުރެން ގިނަ މީހުން ރީ ރަޖިސްޓްރީވުމުން ކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާއިރު، ފަސް ރިސޯޓަކުން އެ އަދަދަށް ރީ ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ.
ވޯޓު ފޮށި ނުބަހައްޓަން ނިންމި ރިސޯޓުތައް:
ސޮނޭވާފުށި ރިސޯޓް
- އަޔާދާ މޯލްޑިވްސް ރިސޯޓް
- ކިހާ މޯލްޑިވަސް
- އަދާރަން ސެލެކްޓު ހުދުރަން ފުށި
- ގިލިލަންކަން ފުށި (ވަގުތީ ގޮތުން ބަންދު)
ވޯޓު ފޮށި ނުބަހައްޓަން ނިންމި 10 ތަނަށް ވޯޓުލުމަށް ރީ ރެޖިސްޓްރީ ކުރި މީހުން މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެހެންތަނަކަށް ރީ ރެޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އަދި ރީ ރަޖިސްޓްރޭޝަނާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތުގައި ރީރެޖެސްޓްރީ ވުމަށް 21،203 ފޯމު އީސީއަށް ހުށަހަޅާފައިވެ އެވެ.