ރައީސް މުހައްމަދު ނަޝީދުގެ "ވަކިތަކުން" ދައުލަތުގެ މީޑިއާ ސަލާމަތްނުކޮށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވިޔަ ނުދޭނެ ކަމަށް، އަލަށް އުފައްދަން މަސައްކަތް ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ، މިނިވަން މީޑިއާއެއް އޮތުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއްގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ޕީޕީއެމުން ކުރާނެ ކަމަށެވެ. އެގޮތުން "ރައީސަށް އަވަހާރަފުޅުނުލެއްޕެވޭ" ވަރަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
~
"ދައުލަތުގެ މީޑިއާ ރައީސް ނަޝީދުގެ ވަކިތަކުން ސަލާމަތް ނުކޮށް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވިޔަކަ ނުދޭނަން އަޅުގަނޑުމެންނެއް. ރައީސް ނަޝީދަށް ހަމައަށް އަވަހާރަފުޅު ނުލެއްޕެވޭ ވަރަށް އެކަމުގައި އަޅުގަނޑުމެން ބައިނަލްއަގުވާމީ މުޖުތަމައުގެ ޕްރެޝަރު ކުރިމަތި ކުރާނަން،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ، އެމްބީސީގެ ބޯޑަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަމާ މެދުވެސް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މަޝްވަރާކުރާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމް އުފެއްދުމުގެ ޖަލްސާއާ ބެހޭ ގޮތުން މުންދު ވިދާޅުވީ، އެޖަލްސާ 15 ވަނަ ދުވަހާ ހަމައަށް ލަސްކުރަން ޖެހުނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަން އެއަށް ވުރެ ކުރިން ލިބޭ ގޮތް ނުވެގެން ކަމަށާއި އެމާލަމްގައި ޖަލްސާ ބާއްވަން ހަމަ ޖެއްސީ ވީހާ ވެސް ގިނަ މެމްބަރުން ބައިވެރި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަދި ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ލިބިފައިވާ ކަމަށާއި އޭގެ ފަހުން ވެސް އެތައް ހާސް ބަޔަކު އެޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

"ތިންހާސް ހަސަތޭކަ މީހުންގެ ފޯމް އަޅުގަނޑުމެން ވާނީ މީގެ ގާތްގަނޑަކަށް ތިން ހަފުތާ ކުރިން އިލެކްޝަނަށް ހުށައަޅާފައި. އޭގެ ފަހުން ވެސް އެތައް ހާސް ބަޔަކު ވަނީ ޕާޓީއަށް ސޮއިކޮށްފައި. ނަމަވެސް އަޅުގަނޑުމެން އަދި އިލެކްޝަނަކަށް ނުފޮނުވަން،" މުންދު ވިދާޅުވި އެވެ.

ޕީޕީއެމް އުފައްދުމުގެ ޖަލްސާގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ އެޖަލްސާގައި އެޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވެންދެން ޕާޓީ ހިންގާނެ އިންތިގާލީ ކައުންސިލެއް އެކުލަވާލާނެ ކަމަށާއި ޕާޓީގެ ދާއިމީ މަގާމުތަކަށް ބޭފުޅުން ހޮވާނީ ގައުމީ ޖަލްސާއިން ކަމަށެވެ.

ޕީޕީއެމް އުފެއްދުމުގެ ޖަލްސާގައި ބައިވެރި ވުމަށް ނަން ނޯޓްކުރުން މިހާރު ވަނީ ހުޅުވާލާފައި ކަމަށާއި ގިނަ ބަޔަކު ދަނީ ނަން ނޯޓް ކުރަމުން ކަމަށް ވެސް ޕީޕީއެމްއިން މިއަދު ބުންޏެވެ.

ޕީޕީއެމް އަކީ ކުރީގެ ރައީސް އަލް އުސްތާޒް މައުމޫން އަބުދުލް ގައްޔޫމު އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕާޓީއެކެވެ.