06 Mar 2019, 21:02
ޔޫއެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވަފުދުގެ ބޭފުޅުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
އެ ވަފުދު ރާއްޖެއައީ މިދޔަ އާދިއްތަ ދުވަހުއެވެ. އެ ވަފުދުގައި އިސްކޮށް މަސައްކަތްކުރައްވަނީ ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ރޫލް އޮފް ލޯ ޑިވިޝަންގެ ވެރިޔާ މިސް މޯނާ ރިޝްވާމީއެވެ.
އެ ވަފުދު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ޙާލަތު ބައްލަވައި، އިންސާނީ ހައްޤުތަކުގެ ހާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެއީ މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެއް ތަނބުކަން ފާހަގަކުރައްވާފައެވެ.
އަދި ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި އދގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ހަރުދަނާ ވެގެންދާއިރު، އދގެ އެކި އިދާރާތަކާއި ސްޕެޝަލް ޕްރޮސީޖަރސް އެންޑް މެންޑޭޓް ހޯލްޑަރސް ރާއްޖެއަށް ވަޑައިގެން މަސައްކަތްކުރެއްވުމަށް ފުރުސަތު ދެއްވުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށްކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ.
އދ. ގެ އެ ވަފުދުން ވަނީ ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކާއި މިނިވަން ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި ދާދި ފަހުން އެކުލަވާލެއްވި މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި، ޖަލުތައް އޮޑިޓްކުރާ ކޮމިޓީގެ އިތުރުން މީހުން ބަންދުކުރެވޭ ބައެއް ތަންތަނަށް އެބޭފުޅުން ވަނީ ޒިޔާރަތްކުރައްވައިފައެވެ.
ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްއާއި ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން އިންސާނީ ހައްގުޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ލަފާ އެރުވުމަށް އިންސާނީ ހައްގުތަކާއި ބެހޭ ޚާއްސަ މުޝީރެއް ރާއްޖެއަށް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައިވާ ކަަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.