06 Mar 2019, 21:01
ވައިގެ މަގުން ރާއްޖެ އައި ދިވެއްސަކާއި އިންޑިއާ މީހެއްގެ އަތުން ތިން ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހު އިންޑިއާ އިން ރާއްޖެ އައި 26 އަހަރުގެ އިންޑިއާގެ މީހެއްގެ ފޮށި ތަންމަތި ބަލައި ފާސްކުރިިރު ޕެކިން އާއެކު 998 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެ ތަކެތި ތަހުލީލުކޮށް ބެލި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އަށް ޕޮސިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މީގެ އިތުރުން ހަމަ އެދުވަހު ސްރީލަންކާއިން ރާއްޖެ އައި 29 އަހަރުގެ ދިވެއްސެއްގެ ފޮށި ތަންމަތި ބަލައި ފާސްކުރިިރު ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ތެރޭގައި ހިމެނީ 1491 ގްރާމް ހަޝިޝް އޮއިލް އަދި 529ގްރާމް ހެރޮއިނެވެ.
މި ދެ މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ތިން ކިލޯ ހުރި އިރު، މި މައްސަލައިގައި ޝާމިލުވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މީހުންގެ އަތުން މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.