06 Mar 2019, 18:22
ކުކް އައިލެންޑްސްގެ ނަން، އެގައުމުގެ ރައްޔިތުންނާއި ތާރީހާ ގުޅޭ ނަމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކުކް އައިލެންޑްސްއަށް އެ ނަން ދިނީ އިނގިރޭސި އެކްސްޕްލޯރާ، ޖޭމްސް ކުކްގެ ޝަރަފުގައެވެ. އެގައުމު އޮތީ 1888 އިން ފެށިގެން 1901 އާ ހަމައަށް އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައެވެ. އޭގެ ފަހުން އެގައުމަކީ ނިއު ޒިލޭންޑުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ފަހު، ކުކް އައިލެންޑްސްއަށް އަމިއްލަ ވެރިކަމެއް ހިންގުމުގެ ބާރު ލިބުނީ 1965 ގައެވެ.
ކުކް އައިލެންޑްސްއިން ވަނީ ޖެނުއަރީ މަހު އެގައުމުގެ ނަން ބަދަލު ކުރަން ކޮމިޓީއެއް ހަދާފަ އެވެ. އަދި މިހާރު އެކޮމިޓީއަށް ސަރުކާރުގެ ތާއިދު ލިބެމުންދާ ކަމަށް ކޮމިޓީގެ ޗެއާމަން ޑެނީ މަޓަރޮއާ ވިދާޅުވިއެވެ.
"ކުކް އައިލެންޑްސްގެ ތާރީހީ އިލްމުވެރިންނާއި ސަގަފާތާ ބެހޭ މާހިރުން އެއްވެގެން ހެދި ކޮމިޓީން ނިންމީ ގައުމުގެ ނަން ބަދަލުކުރަން،" މަޓަރޮއާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެކޮމިޓީއަށް ގައުމުގެ ރައްޔިތުން ހުށަހެޅި ނަންތަކުގެ ތެރެއިން ކޮމިޓީން ވަނީ 60 ނަމެއް ޝޯޓްލިސްޓުކޮށްފައެވެ. އަދި އެކޮމިޓީން އުއްމީދު ކުރަނީ އެންމެ ގިނަ މީހުންގެ ތާއިދު ލިބޭ ނަމެއް އޭޕްރިލް މަހު ސަރުކާރަށް ހުށަހެޅޭނެ ކަމަށެވެ. އަދި އެ ނަމާ ބެހޭ ގޮތުން ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށެވެ.
ކުކް އައިލެންޑްސްގެ ނަން ބަދަލު ކުރަން 1994 ވަނަ އަހަރުވެސް ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގާފަ އެވެ. ނަމަވެސް އޭރު އެގައުމުގެ ރައްޔިތުން ނިންމީ ގައުމުގެ ނަން ބަދަލު ނުކުރުމަށެވެ.
ސައުތު ޕެސިފިކްގައި އޮންނަ ކުކް އައިލެންޑްސްގެ 15 ރަށުގައި 17،500 މީހުން ދިރިއުޅެއެވެ.