12 Oct 2011, 15:53
ލ. އަތޮޅުން ޑީސަލް ހުސްވެ، އެ އަތޮޅުގެ ބައެއް ރަށްރަށުން ކަރަންޓް ކަނޑާލައިފި އެވެ.
ތެލަށް ޖެހިގެން މިއަދު ކަރަންޓް ކަނޑާލީ އެ އަތޮޅު މާބައިދޫ އާއި ފޮނަދޫން ކަމަށް އެ ދެ ރަށުގެ ކައުންސިލްގެ އިދާރާ އިން ބުންޏެވެ.
ފޮނަދޫން މިއަދު ތެޔޮހުސްވުމާ ގުޅިގެން ހެދުނުން ފެށިގެން ކަރަންޓް ކަނޑާލުމަށް ފަހު، މެންދުރު ތެޔޮލިބެންދެން ކަރަންޓް އޮތީ ކަނޑާލައިފަ އެވެ. ނަމަވެސް މިހާރު ކަރަންޓް ދޫކޮށްފައިވާ ކަމަށް ކައުންސިލްގެ އިދާރާ އިން ވަނީ ބުނެފަ އެވެ.
މާބައިދޫން ތެޔޮ ހުސްވުމުގެ ސަބަބުން މިއަދު މެންދުރު ފަހު އެ ރަށުގެ ޖަނަރޭޓަރުތައް ނިއްވަލާފައިވާ ކަމަށް ކައުންސިލުގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާބައިދޫ އިންޖިނުގެ އަށް ތެޔޮސަޕްލައި ކުރާ ފަރާތުން އެކަން ހުއްޓާލުމާ ގުޅިގެން އަދި ތެޔޮސަޕްލައި ކުރާނެ ފަރާތެއް ނުލިބިވާ ކަމަށެވެ.
"މީގެކުރިން އިންޖީނުގެ އަށް ތެޔޮގަންނަމުން އައި ފަރާތުން މިއަދު ތެޔޮހުސްވުމާ ގުޅިގެން ތެލެއް ނުލިބުނު. މިއަތޮޅުން ވެސް ވަނީ ތެޔޮ ހުސްވެފައި. އިންޖީނުގޭގެ ރިޒާވުގައި މިހާރު ހުރީ އެންމެ ތެޔޮފީފާއެއް. އެތެޔޮ ފީފާ އިން މިރޭ ރޭގަނޑު ރަށަށް ކަރަންޓްދިނުމަށް ޓަކައި ޖަނަރޭޓަރު މިއަދު 1:30ގައި އެވަނީ ނިންވާލާފައި. ކިހިނެއްތޯ ތެޔޮނުލިބި އަޅުގަޑުމެން ކަރަންޓް ދޫކުރާނީ" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ ޖަނަރޭޓަރުތައް ނިންވާލުމާ ގުޅިގެން ކައުންސިލްގެ އިދާރާގެ ދޮށުގައި ބަޔަކު ނުރުހުން ފާޅުކުރަމުންގެންދާ ކަމަށެވެ. އަދި ކަރަންޓު ދޫކުރެވޭނީ އިރު އޮއްސި ހައެއް ޖަހާއިރު ކަމަށް ރައީސް ވިދާޅުވި އެވެ.