06 Mar 2019, 15:12
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅޭ ތަހުގީގަށް މައުލޫމާތު ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ބޭންކުތަކާއި ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދޭން ދެކޮޅު ހެދި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅޭ ރިޕޯޓުން ފާހަގަކުރެވޭ ކަންތައްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިއަދު އޭސީސީގެ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީގައި ހިޔާނާތާ ގުޅޭ ގޮތުން ދިން ޕްރެޒެންޓޭޝަނެއްގެ ތެރެއިން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ތަހުގީގަށް މައުލޫމާތު ދިނުމަށް އެދުމުން، ބޭންކުތަކުން ކަނޑައެޅިގެން މުއުލޫމާތު ދޭން ދެކޮޅު ހެދި ކަމަށެވެ.
"ބައެއް ބޭޭންކުތަކަށް ކޮމިޝަނުން ވާނީ ގާނޫނީ އިންޒާރު ވެސް ދީފަ ސިޓީ ވެސް ފޮނުވާފައި އިންޒާރު ދީފައި. ބައެއް ބޭންކުތަކުގެ އިސްވެރިންނާ ބައްދަލުކޮށްގެން ވެސް މައުލޫމާތު ނުދިން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެމްއެމްއޭއާ އެކު ބޭއްވި މަޝްވަރާއަކަށް ފަހު ހުރިހާ ބޭންކަކުން ވެސް މައުލޫމާތު ހިއްސާ ކުރުމަށް އެއްބަސްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި ހިސާބަކުން އެމްއެމްއޭއާ އެކު ބޭއްވުނު މަޝްވަރާތަކާއި ބައްދަލުވުންތަކުގެ އަލީގައި ވަކި ހިސާބަކުން ހުރިހާ ބޭންކެއްގެ އެއްބާރުލުން ލިބެމުން ދިޔަ،"
ބޭންކުތަކުގެ އިތުރުން، ސަރުކާރުގެ ބައެއް އިދާރާތަކުން ވެސް ކޮމިޝަނަށް މައުލޫމާތު ދިނުމަށް އިންކާރު ކުރި ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
"ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދިނުމުގައި ވެސް ބައެއް ފަހަރު ޖެހިލުންވުމާއި އެ މައުލޫމާތަކީ ނެތް މައުލޫމާތުތަކެއް ކަމުގައި ހަދަން މަސައްކަތް ކުރި. ތަހުގީގު ކުރި އިންވެސްޓިގޭޓަރުންނަށް ވަރަށް ގިނަ ދަތިތަކުގެ ތެރެއިންް ކުރިން އަޅުގަނޑުމެން ފާހަގަ ކުރި 73 އިދާރާއިން މައުލޫމާތު ހޯދީ،"
އޭނާ ވިދާޅުވީ، އިދާރާތަކުން މައުލޫމާތު ނުދީގެން އިވެސްޓިގޭޓަރުން އަމިއްލަޔަށް އެ އިދާރާތަކުގެ ގުދަންތަކުން ލިޔުންތައް ހޮވަން ޖެހުނު ކަމަށެވެ.
"ބައެއް އިދާރާތަކަށް އަޅުގަނޑުމެން ދިޔައީމާ ޑޮކިއުމަންޓުތައް ނެތޭ ނުވަތަ ވީތަނެއް ނޭނގޭއޭ މިކަހަލަ ޖަވާބުތައް [ދޭން ފެށީ]. އަޅުގަނޑުމެންގެ އިންވެސްޓިގޭޓަރުން ގުދަންތަކަށާއި ފައިލްތަކަށް ވަކިވަކިން ބަލައި ހާވައިގެން ބައެއް ލިޔެކިޔުންތައް ހޯދާފައިވާނެ،" މުއައްވިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވަކި ވަކި ފަރުދުންނަށް ވުރެ ބޮޑަށް ތަހުގީގަށް މައުލޫމާތު ހޯދަން އުނދަގޫވީ ވެސް ބޭންކުތަކާއި ދައުލަތުގެ އިދާރާތަކުން ކަމަށެވެ.