06 Mar 2019, 13:53
އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަނާ ގުޅިގެން އަޑުއިވުމުގެ އަދި ވާހަކަދެއްކުމުގެ ދަތިތައް ހުންނަ ކުޑަކުދިންނަށާއި ޒުވާނުންނަށް ހާއްސަކޮށްގެން "ސްޕީޗް އެންޑް ހިއަރިންގ ކޭމްޕެއް" އައްޑޫ ސިޓީގައި ބާއްވައިފިއެވެ.
މި މަހުގެ ހަތަރަކުން ހަޔަކަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހިލޭ ދެއްކުމުގެ ފުރުސަތު، ވަކިވަކި ކުދިންނަށް އެސެސްމަންޓްތައް ހެދުން، ޑައިގްނޯޒްކުރުން އަދި އޯޑިއޯމެޓްރިކް ޓެސްޓް ހެދުމުގެ ފުރުސަތު ހުޅުވާލިއެވެ.
"ސްޕީޗް އެންޑް ހިއަރިން" ކޭމްޕުގެ ތެރެއިން-- ފޮޓޯ/ އާކް
އާކްއިން ބުނީ އެ ކޭމްޕުގައި ބެލެނިވެރިންނަށް ގޭތެރޭގައި ކުރިއަށް ގެންދެވިދާނެ ބައެއް އިންޓަވެންޝަންތަކުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހިންގާ ހަ ސްކޫލެއްގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ވަނީ ކޭމްޕުގައި ބައިވެރިވެފައެވެ. އާކްއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ 30 އަށްވުރެ ގިނަ ޓީޗަރުންނަށް ހާއްސަކޮށް ވޯކްޝޮޕެއް ވެސް ހިންގާފައިވާ ކަމަށެވެ.