ހިތަދޫ ސަރަހައްދީ ބަނދަރުގައި ހިޔާނުކޮށް ބަހައްޓައިފައި ހުރި އެސްޓީއޯގެ ގިނަ އަދަދެއްގެ ސިމެންތި ބަސްތާތަކެއް ވާރޭވެހިގެން ހަލާކުވެފައިވާ ކަމަށާއި އެ މައްސަލަ މިހާރު އަންނަނީ ބަލަމުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ބުނެފި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ، ސިމެންތި ބަސްތާތައް ހަލާކުވި ހަބަރު ލިބުމާ ގުޅިގެން އައްޑޫ ސިޓީގައި މިހާރު ހަރަކާތްތެރިވަމުންދާ އޭސީސީގެ ޓީމުން ހިތަދޫ ބަނދަރަށް ގޮސް އެކަން ޗެކުކުރި އިރު ގިނަ އަދަދެއްގެ ބަސްތާތަކެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުކެވަފައިވާ ކަމަށެވެ.

"އެކޮޅުގައި ހަރަކާތްތެރިވަމުންދާ އަޅުގަނޑުމެންގެ ޓީމުން ގޮސް އެތަނުގައި ފޮޓޯ ނަގައި ވީޑިއޯކޮށްފައި ހުރީ. ވަރަށް ގިނަ އަދަދެއްގެ ބަސްތާތަކެއް ހުރީ ހަލާކުވެފައި. އެހެންވެ، އެއީ ކިހިނެއް ހިނގި ކަމެއްތޯ އަޅުގަނޑުމެން ބަލަމުން މިދަނީ،" މުއައްވިޒު ވިދާޅުވި އެވެ.

ސާކު ސަމިޓަށް ތައްޔާރު ވަމުންދާ އައްޑޫ ސިޓީގައި ސިމެންތި ހުސްވެގެން އެކޮޅަށް އެސްޓީއޯ އިން ފޮނުވި 6000 ޓަނުގެ ސިމެންތި ޝިޕްމަންޓު އެއްކޮށް ގުދަން ކުރާނެ ޖާގަ ބަނދަރުގައި ނެތުމުން އޭގެ ތެރެއިން ގާތްގަނޑަކަށް 1200 ޓަނު ހުރީ ހިޔާނުކޮށް ބަނދަރުގައި ބަހައްޓައިފަ އެވެ. އޭގެ ތެރެއިން ބައެއް ސިމެންތި ބަސްތާތައް ހަލާކުވީ، މިހަފްތާތެރޭ އައްޑޫ އަށް ކުރި ވިއްސާރައިގަ އެވެ.

ނަމަވެސް، އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ އިއްޔެ ވިދާޅުވީ، ފެނުގެ އަސަރު ކޮށްފައި ވަނީ ވަރަށް ކުޑަކޮށް ކަމަށާއި ސިމެންތި ބަސްތާތައް ހުރީ ބޭނުން ކުރެވޭ ހާލަތުގަ ކަމަށެވެ. އެހެންކަމުން، ކުންފުންޏަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.