ޖަޒީރާ ޓުއަރިޒަމް ޒޯނެއްގެ ގޮތުގައި ވ. އަތޮޅު ތަރައްގީ ކުރުމުގެ ޕްލޭނެއް ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް، ސަރުކާރަށް ހުށަހަޅުއްވައިފި އެވެ.

'ވާއުފާ' ނަމުގައި ތައްޔާރުކޮށްފައިވާ އެ ޕްރޮޖެކްޓުގެ މައުލޫމާތު ދެއްވުމަށް ސްޓެލްކޯ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ކެޔޮދޫ ދާއިރާއަށް ކުރިމަތިލައްވާ އަދި މިހާރުގެ ވެސް އެ ދާއިރާގެ މެންބަރު މޫސާ ނިޒާރު ވިދާޅުވީ، ވާއުފާގެ ނަމުގައި އެ ޕްރޮޖެކްޓް ހުށަހެޅުއްވީ އެ އަތޮޅުގެ ރައްޔިތުން ޒަމާނުއްސުރެން އުޅެމުން އައި ހިތާމަވެރި ދިރިއުޅުމަށް އުފާވެރިކަމެއް ހޯދައިދެއްވުމުގެ މަގުސަދުގައި ކަމަށެވެ.

ވ. އަތޮޅަކީ އާބާދީގެ ގޮތުން އެންމެ ކުޑަ އަތޮޅުކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ މިއަދުގެ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖެ ތަރައްގީ ކުރުމަށް އެކުލަވާލާ މާސްޓާ ޕްލޭންގައި ވ. އަތޮޅު އެކަހެރި ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް ދަންނަވަން ތޯ. އާބާދީގެ އަދަދަށް ބަލާއިރު ދިރިއުޅޭ މީހުންގެ އަދަދު އަތޮޅުގައި މަދުވި ނަމަވެސް މަސް ކަނޑުތަކުގެ މުއްސަނދި ކަމާއި އެންވެރިކަމުގެ ފަސޭހަ ކަން އެންމެ ގިނަ ހާހާތަކާއި ގިރި ފަރުތައް އެކުލެވިގެންވާ އެކަމުގެ އެންމެ މުއްސަނދި އަތޮޅަކީ ވ. އަތޮޅު،" ނިޒާރު ވިދާޅުވި އެވެ.

ވ. އަތޮޅަކީ ގުދުރަތީ ގޮތުން އެންމެ މުއްސަނދި އަތޮޅުކަން ފާހަގަކޮށް މޫސާ ނިޒާރު ވިދާޅުވީ، އެ އަތޮޅަކީ މިހާރު ވެސް އެންމެ ބާރު ސްޕީޑެއްގައި ލޯކަލް ޓުއަރިޒަމް ތަރައްގީވަމުން އަންނަ އަތޮޅު ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތި އެ އަތޮޅުގައި 250 ޓުއަރިސްޓް އެނދު ހުރިކަން ނިޒާރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެ އަދަދު 600 އަށް އިތުރުވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ސަރުކާރަށް މި ހުށަހަޅަނީ މިފަހަރުގެ މާސްޓާ ޕްލޭންގައި ވ. އަތޮޅު ތަރައްގީ ކުރުމުގެ މައިގަނޑު ޕޮލިސީއަކީ ޖަޒީރާ ޓުއަރިޒަމްގެ ސްޕެޝަލް ޒޯނެއްގެ ގޮތުގައި ވ. އަތޮޅު ތަރައްގީ ކޮށްދެއްވާށޭ،" މޫސާ ނިޒާރު ވިދާޅުވި އެވެ.

ޖަޒީރާ ޓުއަރިޒަމް ޒޯނެއްގެ ގޮތުގައި ވ. އަތޮޅު ކަނޑައެޅުމަށްފަހު، ސަރުކާރުން އުފެއްދުމަށް ނިންމާފައިވާ 35،00 ޓުއަރިޒަމް އެނދު، ރާއްޖޭގެ އެކި ހިސާބަށް ބަހާލާއިރު އޭގެ ތެރެއިން 'ބައިކުޅަ ބައެއް' އެ އަތޮޅަށް ދެއްވުމަށް ނިޒާރު ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖެ އަށް އަދި ތައާރަފްނުވާ ޓުއަރިޒަމާ ގުޅޭ ބައެއް ވިޔަފާރީތައް އުފެއްދުމަށް ޕްލޭންގައި ހިމަނާފައިވާނެ ކަން މޫސާ ނިޒާރު ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގައި އޮތް އެންމެ ތަނަވަސް ފަޅު ކަމުގައިވާ ފޮއްތެޔޮ ފަޅުގައި ވޯޓާސް ސްޕޯޓްސް ޓުއަރިޒަމް ފުޅާ ގޮތެއްގައި ކުރެވޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އެހެންވީމަ ސަރުކާރަށް ހުށަހަޅަނީ ދުނިޔެ ފެންވަރުގެ އިންޓަނޭޝަނަލް މުބާރާތްތައް ވޯޓާސް ސްޕޯޓްސްއާ ރިލޭޓެޑް މުބާރާތްތައް ބޭއްވުމަށްޓަކައި ހާއްސަ ރިސޯޓެއް ތިބޭފުޅުން ހައްދަވައި ދެއްވާށޭ ވ. އަތޮޅުގެ ފޮއްތެޔޮ ފަޅުގައި،" ނިޒާރު ވިދާޅުވި އެވެ.