އިސްލާމްއާބާދު (މާޗް 6): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް މިދިޔަ މަހު ބޮމުގެ ހަމަލާއެއްދިން ޖައިޝް މުހައްމަދު ޖަމާއަތާ ގުޅުން ހުރި 44 މީހުން ޕާކިސްތާނުން ހައްޔަރުކޮށްފި އެވެ.

ޕާކިސްތާނުގެ އިންޓީރިއާ ސެކްރެޓަރީ އަޒަމް ސުލެއިމާން ވިދާޅުވި ގޮތުގައި މިހާރު ހައްޔަރު ކޮށްފައިވާ މީހުން 14 ދުވަހަށް ބަންދުގައި ބައިތިއްބާނެ އެވެ. އަދި އެމީހުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ލިބިއްޖެ ނަމަ އެމީހުންނާ ދެކޮޅަށް ދައުވާ ކުރާނެ އެވެ.

ޕާކިސްތާނުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޖައިޝް މުހައްމަދުގެ ލީޑަރު މަސްއޫދު އަޒްހަރުގެ ދަރިފުޅު ހައްމާދު އަޒްހަރާއި، ކޮއްކޮ އަބްދުއްރައުފް ހިމެނެ އެވެ.

ޖައިޝް މުހައްމަދުން މިދިޔަ މަހުގެ 14އިގައި ކަޝްމީރުގައި ދިން ހަމަލާގައި އިންޑިއާގެ 40 އަށް ވުރެ ގިނަ ޕެރެމިލިޓަރީ ސިފައިން މަރުވި އެވެ. އަދި އެހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އިންޑިއާއިން ވަނީ ޕާކިސްތާނާ ހިއްސާކޮށްފަ އެވެ.

އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި އެހަމަލާގައި ޕާކިސްތާނުގެ އަތެއްވެ އެވެ. އަދި މިދިޔަ ހަފްތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު އިންޑިއާއިން ވަނީ ކަޝްމީރުގައި ޕާކިސްތާނުން ވެރިކަން ކުރާ ފަޅިއަށް އެއާފޯސްގެ ޖެޓުތަކެއް ފޮނުވާފަ އެވެ. ޕާކިސްތާނުން ވަނީ އޭގެ ތެރެއިން ދެ ޖެޓެއް ވައްޓާލުމަށް ފަހު، އެއް ޖެޓުގައި އިން ޕައިލެޓު ހައްޔަރު ކޮށްފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު "ސުލްހައިގެ އިޝާރާތެއްގެ" ގޮތުން އެޕައިލެޓު ދޫކޮށްލާފަ އެވެ.

އިންޑިއާއިން ބުނާ ގޮތުގައި އެގައުމުގެ އެއާފޯސްއިން ދިން ހަމަލާތަކުގައި ޖައިޝް މުހައްމަދުގެ ގިނަ އަދަދެއްގެ މީހުން މަރުވި އެވެ. ނަމަވެސް ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިއާއިން ދިން ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވެ އެވެ.