06 Mar 2019, 11:46
މި އަހަރުގެ އަމާޒަކީ ޓީމަށް ތަފާތު ބަދަލެއް ގެނައުން ކަމަށް ބުނެ، ޓީމުގެ ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ޖެރޯމް ބޮއެޓެންގްއާއި ތޯމަސް މުލާގެ އިތުރުން މެޓް ހަމެލްސް ޓީމުގައި ނުހިމަނާނެ ކަމަށް ޖަރުމަނު ގައުމީ ޓީމުގެ ކޯޗު ޖޯޗިމް ލޯ ބުނެފިއެވެ.
ޖަރުމަނުގެ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕު އުފުލާލި އިރު ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިން ތަކެއް ކުއްލި ގޮތެއްގައި ޓީމުން ބޭރު ކުރަން ލޯ ނިންމީ ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ބޮޑު ނާކާމިޔާބީއާއި މިހާރު ކުރިއަށްދާ ޔޫއެފްއާ ނޭޝަން ކަޕް އިން އެ ޓީމު ކެޓުމާ ގުޅިގެން ޓީމު ބަދަލު ކޮށްލަން ބޭނުންވާ ކަމަށް ބުނެ އެވެ.

ޖަރުމަނު ޓީމުގެ ހެޑް ކޯޗު ޖޯޗިމް ލޯ --- ފޮޓޯ / ސްޕޯޓްސް މޯލް
އުމުރުން 30 އަހަރުގެ މުލާ ވަނީ އެންމެ ފަހުން ޖަރުމަނާއި ނެދަލެންޑު ބައްދަލު ކުރި މެޗުގައި ކުޅެ އެ ޓީމާއި އެކު 100 މެޗު ހަމަ ކޮށްފައެވެ. އަދި ބޮއެޓެންގްއާއި ހަމެލްސް ވެސް ވަނީ އެ ޓީމަށް އެތައް މެޗުތަކެއް ކުޅެދީފައެވެ.
ވޭތުވެ ދިޔަ އަހަރު ޖަރުމަނަށް ލިބުނު ނާކާމީޔާބަށް ފަހު އެ ޓީމުގެ ކޯޗު ވަނީ ޓީމަށް ބަދަލު ގެންނާނެ ކަމަށް މީގެ ކުރިންވެސް ބުނެފައެވެ. އޭނާ ބުނި ގޮތުގައި މިއަހަރަކީ އައު ކުޅުންތެރިންނަށް ފުރުސަތު ދީ ޖަރުމަނު ޓީމުގެ މުސްތަގުބަލު ރަނގަޅު ކުރުމަށް ޓީމަށް ބޮޑެތި ބަދަލު ގެންނާނެ އަހަރެކެވެ.
"މި އަހަރު އަހަރަމެންް ފަށާނީ އައު ފެށުމަކުން. އެގޮތުން ހަމެލްސް، ބޮއެޓެންގް އަދި މުލާ ޓީމުން ނުފެންނާނެ. އެ ތިން ކުޅުންތެރިން ނިސްބަތްވާ ބަޔާން މުނިކްއާއި ގައުމީ ޓީމަށް އަހަރެންގެ ޕްލޭން ކިޔައިދިނުމުން އެބޭފުޅުން ވަނީ މަރުހަބާ ކިޔާފަ،" ޖަރުމަނުގެ ކޯޗު ޖޯޗިމް ލޯ ބުންޏެވެ.
އޭނާ ބުނީ އެ ތިން ކުޅުންތެރިންނަކީ ވެސް ދުނިޔޭގެ ފެންވަރުގައި އަދިވެސް ފާހަގަ ކޮށްލެވޭ ތަފާތު ދައްކާނެ ތިން ކުޅުންތެރިން ކަމަށާއި ކުލަބުގައި ބޮޑެތި ކާމިޔާބުތައް އެ ކުޅުންތެރިން ހޯދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
މީގެ އިތުރުން ލޯ ވަނީ އެ ކުޅުންތެރިންތައް ގައުމީ ޓީމަށް ކޮށްދިން ހިދުމަތައް ޝުކުރު އަދާ ކޮށްފައެވެ. އަދި އެ ކުޅުންތެރިން ތަކަކީ ގައުމު ވެސް ފަހުރުވެރިވާ ތިން ކުޅުންތެރިން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ލޯ ގެ މައިގަނޑު އަމާޒަކީ 2020 ވަނަ އަހަރުގެ ޔޫރޯގައި ވާދަ ކުރުމަށް ޒުވާން ޓީމެއް ބިނާ ކުރުން ކަމަށާއި އެކަން ކުރުމަށް މިހާރު މަސައްކަތް ފަށާފައި ކަމަށް އޭނާ ބުނެއެވެ.