06 Mar 2019, 11:23
ސިޑްނީ (މާޗް 6): އޮސްޓްރޭލިއާގެ ސިޑްނީން ގެއްލުނު އަންހެނަކު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑު ސޫޓްކޭސްއަކަށް ލާފައި އޮއްވައި ފެނިއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ސިޑްނީގެ ޑެންޓިސްޓެއް ކަމަށްވާ، 32 އަހަރުގެ ޕްރިތީ ރެޑީ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ރިޕޯޓު ކުރީ އާދިއްތަ ދުވަހެވެ. އޭނާ ގެއްލުނީ ޑެންޓަލް ކޮންވެންޝަނަކަށް ދިޔަ ފަހުން ކަމަށް އާއިލާއިން ބުންޏެވެ.
އޭގެ ފަހުން އަންގާރަ ދުވަހު ފުލުހުންނަށް ވަނީ ރެޑީގެ ކާރު ފެނިފަ އެވެ. އަދި އެކާރު ބަލާ ފާސް ކުރުމުން އޭނާގެ ހަށިގަނޑު ސޫޓްކޭސްއަކަށް ލާފައި އޮއްވާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ހާމަ ކުރި ގޮތުގައި ރެޑީއަށް ވަނީ ވަޅިން ހަމަލާދީފަ އެވެ. އަދި އޭނާ ގެއްލުނު ދުވަހު ރެޑީއާ އެކު އުޅުނު ފިރިހެނެއްގެ މައްޗަށް ވަނީ އޭނާގެ މަރާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު އެފިރިހެން މީހާ ވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފަ އެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެފިރިހެންމީހާ އެހެން އުޅަނދެއްގައި އޭނާގެ ކާރު ޖެއްސީ ގަސްތުގަ އެވެ. އަދި އެހާދިސާ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.