މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ ތިން ކިލޯއާ އެކު ދިވެއްސަކު އިންޑިއާގެ ކޮޗިން އިންޓަނެޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ކޮޗިން އެއާޕޯޓްގެ ކަސްޓަމްސް ބިޔުރޯއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އިއްޔެ ތިން ކިލޯގެ ހަޝިޝް އޮއިލްއާ އެކު ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ މުހައްމަދު ސޮބާހު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ ޑްރަގް ކާޓެލްއަކަށް މަސައްކަތް ކުރާ މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިންޑިގޯގެ މަތިންދާބޯޓަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރަން އުޅުމުގެ ތެރޭގަ އެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ބަހުރައިންނަށް އެ މަސްތުވާތަކެތި އެތެރެ ކުރުމަށް ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ކޮޗިން އެއާޕޯޓްގެ ކަސްޓަމްސް ބިޔުރޯއިން ބުނީ ހަޝިސް އޮއިލް ފެނިފައި ވަނީ ސޮބާހުގެ ދަބަހެއްގެ ތެރޭގައި ހުރި ސިއްރު ކޮންޕާޓްމަންޓެއްގައި ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

"ދަ ހިންދޫ" ނޫހުން ރިޕޯޓު ކުރާ ގޮތުގައި ބައިނަލްއަގުވާމީ ބާޒާރުގައި ތިން ކިލޯގެ ހަޝިޝްގެ އަގަކީ 10 ކްރޯޑު އިންޑިއަން ރުޕީޒް އެވެ. އެއީ ޑޮލަރުން ބަލާ ނަމަ 1.4 މިލިއަން ޑޮލަރެވެ.

ސޮބާހުގެ މައްސަލަ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.