06 Mar 2019, 11:04
ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓުގައި ވެސް ކުޅުންތެރިން ނުގަނެވޭނެ ގޮތަށް ފީފާއިން ޗެލްސީއަށް އަދަބު ދިނުމާ ގުޅިގެން އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ފީފާއަށް ޗެލްސީ އިން ހުށައަޅައިފި އެވެ.
ބޮޑު ޖޫރިމަނާއަކާ އެކު ޗެލްސީއަށް ކުޅުންތެރިން ގަތުމުގެ ހުއްދަ ދެ ޓްރާންސްފާ މާކެޓަށް ފީފާއިން ހިފާއްޓާފައި ވަނީ 18 އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ ހިލާފު ވެފައި ވާތީ އެވެ.
ޗެލްސީގެ ޖުމްލަ 92 ކުޅުންތެރިންގެ މައްސަލަ ފީފާއިން ބަލާފައިވާ އިރު އެއިން 29 ކުޅުންތެރިންގެ ރަޖިސްޓްރީގައި މައްސަލަ އުޅޭ ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ. މައްސަލަ ޖެހުން ކުޅުންތެރިންގެ ތެރޭގައި މިވަގުތު ފްރާންސްގެ ލިއޮންއަށް ކުޅެމުން އަންނަ ހުނަރުވެރި ސްޓްރައިކަރު ބާޓަރެންޑް ޓަރައޯރޭ ވެސް ހިމެނެ އެވެ.
ފީފާގެ މައްސަލަ ބަލާ ކޮމިޓީ އިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗެލްސީއަށް އަޅާފައިވާ ފިޔަވަޅަު އިސްތިއުނާފު ކޮށްދިނުމަށް އެދި އެ ކުލަބުން ހުށައަޅާފައިވާ ކަމަށާއި އެ މައްސަލައިގެ އަޑު އެހުމެއް ބޭއްވުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.
ޗެލްސީއަށް ފީފާ އިން ދީފައިވާ އަދަބު 2020 ވަނަ އަހަރަށް ދެމިގެންދާ އިރު، ކުޅުންތެރިން ވިއްކުމަކީ އެ ކުލަބަށް ކުރެވިދާނެ ކަމެކެވެ. އަދި ލޯނަށް އެހެން ކުލަބުތަކަށް ދޫކޮށްފައިވާ ކުޅުންތެރިން އަނބުރައި ޓީމަށް ގެނެވޭނެ އެވެ. މީގެ އިތުރުން އެ ކުލަބުގެ އަންހެން ފުޓުބޯޅަ ޓީމަށާއި ފުޓްސަލް ޓީމަށް މި މައްސަލާގައި ޗެލްސީއަށް ލިބުނު އަދަބު ނުހިނގާނެ އެވެ.
ފީފާއިން ލީކުވެފައިވާ ޑޮކިއުމެންޓުތަކެއްގައި ބުނާ ގޮތުން ތިން އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އިންވެސްޓިގޭޝަންގައި 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޗެލްސީ އިން ވަނީ ގަވާއިދާ ހިލާފަށް ސޮއި ކުރުވައިފަ އެވެ. އަދި ބައެއް ކުޅުންތެރިންގެ މައިންބަފައިންނަށް ލާރި ދީ އެހެން ގައުމު ތަކުގެ ކުޅުންތެރިން އިނގިރޭސި ވިލާތަށް ގެނެސް ރަޖިސްޓްރީކޮށްފައިވާ ކަމުގެ ހެކި ފީފާއަށް ލިބިފައިވާ ކަމަށް ވެސް އެ ލިޔެ ކިޔުންތަކުގައިވެ އެވެ.
ފީފާގެ ގަވާއިދުގައިވާ ގޮތުން 18 އަހަރުން ދަށުގެ ކުޅުންތެރިން އެހެން ގައުމެއްގެ ކުލަބަކަށް ބަދަލު ވެވޭނީ ފުޓުބޯޅަ ކުޅުން ފިޔަވާ އެހެން ޒަރޫރީ ބޭނުމަކަށް އެ ކުޅުންތެެރިޔާ ގައުމު ބަދަލު ވެފައިވާ ނަމަ އެވެ. އަދި އެ ކުލަބު ވާން ޖެހޭނީ ކުޅުންތެރިއާ ދިރއުޅޭ ސަރަހައްދާ 100 ކިލޯ މީޓަރު ދުރު ނޫން ސަރަހައްދެއްގައި އޮންނަ ކުލަބަކަށެވެ.
މީގެ އިތުރުން ކްލަބަކީ ޔޫރިއަޕިއަން ޔޫނިއަން ނުވަތަ ޔޫރަޕުގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށް ނިސްބަތްވާ ކުލަބަކަށް ވުމަކީ ވެސް 18 އަހަރު ދަށުގެ ކުޅުންތެރިން ގަތުމުގައި ލާޒިމު ކަމެކެވެ.
މީގެ ކުރިން ޔޫރަޕުގެ ބޮޑެތި އެހެން ކުލަބުތައް ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ އިތުރުން އެތްލެޓިކޯ މެޑްރިޑއަށް ވެސް ވަނީ މިފަދަ މައްސަލަތަކުގައި ފީފާއިން އަދަބު ދީފަ އެވެ.