06 Mar 2019, 10:58
މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބެލި މައްސަލަތަކުގެ ތެރެއިން 273 މައްސަލަ ނިންމާލެވިފައިވާ ކަމަށް އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
އިއްޔެ ނެރުނު އެޗްއާރްސީއެމްގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޮމިޝަނަށް ވަނީ ޖުމްލަ 396 މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެ ކޮމިޝަނުން އިސްނަަގައިގެން ބަލަމުންދާ 82 މައްސަލައެއް ވެސް ހިމެނެ އެވެ.
އަަހަރީ ރިޕޯޓުން ދައްކާ ގޮތުން އެޗްއާރްސީއެމްއަށް ހުށަހެޅުނު 396 މައްސަލައިގެ ތެރެއިން މިދިޔަ އަހަރު އެ ކޮމިޝަނަށް ނިންމާލެވިފައި ވަނީ 273 މައްސަލައެެވެ. އެއީ މިިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ 68.9 ޕަސެންޓެވެ.
ރިޕޯޓުން ދައްކާ ގޮތުން އެ ކޮމިޝަނަށް މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅުނީ ގައިދީންނާ ގުޅޭ މައްސަލަތަކެވެ. އެގޮތުން، ގައިދީންގެ ހުށަހަޅާފައިވާ ސިއްހީ 94 މައްސަލައެއް އަދި ގައިދީންގެ ހައްގުތަކާ ގުޅޭ 56 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.
މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- ގައިދީން ހުށަހަޅާފައިވާ ސިއްހީ 94 މައްސަލައެއް
- ގައިދީންގެ ހައްގުތަކާ ގުޅޭ 56 މައްސަލައެއް
- ލާއިންސާނީ އަނިޔާގެ 45 މައްސަލައެއް
- އިގްތިސާދީ އަދި އިޖުތިމާއީ ހައްގުތަކާ ގުޅުން ހުރި 42 މައްސަލައެއް
- ބަންދު ކުރެވޭ ފަރާތްތަކުގެ ހައްގުތަކާ ގުޅުންހުރި 35 މައްސަލައެއް
- އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ގުޅޭ 23 މައްސަލައެއް
- ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 22 މައްސަލައެއް
- ބޯހިޔާވަހިކަމުގެ ހައްގާ ގުޅުން ހުރި 15 މައްސަލައެއް
- ޝަރުއީ ދާއިރާއާ ގުޅުންހުރި 14 މައްސަލައެއް
- ބިދޭސީންގެ ހައްގުތަކާ ގުޅުންހުރި 13 މައްސަލައެއް
- މަސައްކަތް ކުރުމުގެ ހައްގާ ގުޅުންހުރި 11 މައްސަލައެއް
- އަންހެނުންގެ ހައްގުތަކާ ގުޅުންހުރި 11 މައްސަލައެއް
- އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ 9 މައްސަލައެއް
- އުނގެނުމުގެ ހައްގާ ގުޅުންހުރި 6 މައްލައެއް
އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮމިޝަނަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް އެއް ބާވަތަށް ވުރެ ގިނަ ބާވަތަށް ނިސްބަތްވެ އެވެ.
މިދިޔަ އަހަރު ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން 86 މައްސަލައެއްގައި ނިންމާފައި ވަނީ ހައްގެއް ގެއްލިފައި ނުވާ ކަމަށެވެ. އަދި 92 މައްސަލައެއް ހައްލުވެފައިވާތީ ނިންމާލާފައިވެ އެވެ. އަދި އެކަށީގެންވާ ހެކި ލިބިފައި ނުވާތީ މައްސަލަ ސާބިތުނުވާ ކަމަށް 39 މައްސަލައިގައި ނިންމާފައިވެ އެވެ. މައްސަލަ ހައްލު ކުރުމަށް ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅާފައިވާތީ 42 މައްސަލައެއް އަދި މުއައްސަސާތަކުން މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރަމުންދާތީ 37 މައްސަލައެއް ނިންމާލާފައިވެ އެވެ. އަދިވެސް އެހެން ސަބަބުތަކާ ހުރެ މައްސަލަތައް ނިންމާލާފައިވެ އެވެ.
އެޗްއާރްސީއެމްގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން އެ އަހަރު އެ ކޮމިޝަނަށް ހުށަހެޅުނީ 365 މައްސަލަ އެވެ. އޭގެތެރޭގައި އެ ކޮމިޝަނުން އިސްނަގައިގެން ބެލި 33 މައްސަލަ ހިމެނެއެވެ. އެ މައްސަލަތަކުގެ ތެރެއިން 271 މައްސަލަ އެ އަހަރުގެ ތެރޭގައި ކޮމިޝަނުން ބަލައި ނިންމި އެވެ. އެއީ އެ އަހަރު ހުށަހެޅި މައްސަލަތަކުގެ 74 ޕަސެންޓެވެ.