އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް ހެރީ ކޭން ޖަހައިދިން ގޯލާ އެކު، އަށް އަހަރުގެ މެދު ކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ޓޮޓެންހާމް ދަތުރު ކޮށްފިއެވެ.

ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ހެރީ ކޭން ޖަހައިދިން ގޯލާ އެކު ޖުމުލަ 0-4 ގެ އެގްރިގެރޭޓް ނަތީޖާ އަކުން ބޮރޫޝިއާ ޑޮޓްމަންޑް ބަލިކޮށް ޓޮޓެންހަމް ވަނީ ކުއާޓާގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައެވެ. މި ޓީމުގެ އިތުރުން ދެން ކުއާޓާއަށް ދަތުރު ކުރި އަނެއް ޓީމަކީ ނެދަލޭންޑްގެ އަޔެކްސް އެވެ.

އިނގިރޭސި ލީގުގެ ތިންވަނައިގައި މިވަގުތު އޮތް ޓޮޓެންހަމް ރޭގެ މެޗަށް ނުކުތީ ވެސް ތިން ގޯލުގެ ލީޑަކާ އެކު އެވެ. ޑޯޓްމަންޑުން ނަތީޖާ އަނބުރާލަން މެޗުގެ ފުރަތަމަ ހާފުގައި ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ޓޮޓެންހާމްގެ ކީޕަރު ހިއުގޯ ލޮރިސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ޑޮޓްމަންޑުގެ ހަމަލާތައް ދިފާއު ކޮށްފައެވެ.

ޓޮޓެންހާމްގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ --- ފޮޓޯ / ރަޔާން ބެންސަން

ޑޮޓްމަންޑަށް ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރު ވުމުން އެކަމުގެ ފައިދާ ނަގާ ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ގޯލެއް ޖަހައި ކުއާޓާގެ ޖާގައެއް އެ ޓީމަށް ކަށަވަރު ކޮށްދީފައެވެ. އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އަލުން އެނބުރި ކުޅެން އައިސް ކޭން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗުގައި ލިބުނު ކާމިޔާބީއާ އެކު ޓޮޓެންހާމްގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ ބުނީ ޓީމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި ޗެމްޕިއަންސް ލީގުގައި ކުރިއަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އަދި ކުއާޓާގައި ކުޅެން ބޭނުންވަނީ އެ ކުލަބުގެ އައު ސްޓޭޑިއަމްގައި ކަމަށާއި އިނގިރޭސި ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގު ހޯދަން އެދެވޭ މަސައްކަތް ކުރާކަން ފާހަގަ ނުކެރެވޭކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންމެ ފަހުން ޓޮޓެންހާމްއާ އާސެނަލް ބައްދަލު ކުރި މެޗުގައި ރެފްރީއަށް ފާޑު ކިއުމުން ޕޮޗެޓީނޯއަށް އިނގިރޭސި ފުޓުބޯޅައިން ވަނީ އަދަބު ދީފައެވެ. އަދި ޕޮޗެޓީނޯ ވަނީ އެކަން ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.