06 Mar 2019, 09:53
ވޮޝިންޓަން (މާޗް 6): އެމެރިކާގެ އަލަބާމާއަށް އާދިއްތަ ދުވަހު އެރި ނަގޫރޯޅިތަކުގައި މަރުވި 23 މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތް މީހުން ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އަލަބާމާގެ ލީ ކައުންޓީގެ ކޮރޮނާ ބިލް ހެރިސް ވިދާޅުވި ގޮތުގައި އެއް އާއިލާއަކުން މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެ އެވެ. އެއީ ހަ އަހަރާއި އަށް އަހަރާއި ނުވަ އަހަރާއި 10 އަހަރުގެ ކުދިންނެވެ. އަދި އެއާއިލާއިން މަރުވި އެންމެ ދުވަސްވީ މީހާގެ އުމުރު 89 އަހަރަށް އަރަ އެވެ.
މަރުވި ކުދިންގެ ތެރޭގައި ހިމެނޭ 10 އަހަރުގެ އާމަންޑޯ ހާނެންޑޭޒް ޖޫނިއާ މަރުވީ، ނަގޫރޯޅި އެރުމުން ކުއްޖާގެ ބައްޕަ އާއި ބޭބެއާ އެކު ކަބަޑެއް ތެރޭ ތިއްބައި، ކަމަށް އެ ކުއްޖާގެ ބޮޑުބޭބޭ ޖެކް ކްރިސްޕް ބުންޏެވެ. ނަމަވެސް ނަގޫރޯޅި އެރި ވަގުތު އެމީހުންގެ ގެ އެއްކޮށް ސުންނާފަތިވެ، ގަދަ ވަޔާއެކު ދެ ކުދިންވެސް ގެންދިޔައީ އެވެ.
އެހާދިސާގައި ހާނެންޑޭޒްގެ ބައްޕައާއި ބޭބެ ވަނީ ސަލާމަތްވެފަ އެވެ.
"ވަރަށް ބާރަށް ބައްދައިގެން ތިއްބާވެސް ވަޔާ އެކު (ދެ ކުދިން) ގެންދިޔައީ. އެމީހުންގެ ގެ އެއްކޮށް ސުންނާފަތިވެ ދެ ކުދިން ވެސް ގެންދިޔައީ،" ކްރިސްޕް ބުންޏެވެ.

އަލަބާމާއަށް އެރި ނަގޫރޯޅިއެއްގައި ކެރޯލް ޑީން (ކ)ގެ ފިރިމީހާ ޑޭވިޑް ޑީން ވަނީ މަރުވެފަ އަދި އެމީހުންގެ ގެ ވަނީ ސުންނާފަތިވެފަ -- ފޮޓޯ: އޭޕީ
އެއާއިލާގެ މެމްބަރެއް ކަމަށް 53 އަހަރުގެ ޑޭވިޑް ޑީންގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ކައިރިންނެވެ. އަދި ނަގޫރޯޅި އެރި ވަގުތު އޭނާގެ އަންހެނުން، ކެރޯލް ޑީން އިނީ އޭނާ ވަޒީފާ އަދާ ކުރާ ފިހާރައަށް ގޮހެވެ.
"އަހަރުމެންނަށް (ޑީން) ފެނުނު އިރު އޭނާ ވަނީ މަރުވެފަ. އެއީ އަހަރެންގެ ފުރާނަ. އަހަރެން ދިރިއުޅެމުން އައި ސަބަބު،" ކެރޯލް ޑީން ބުންޏެވެ.
އެނަގޫރޯޅިތަކުގެ ސަބަބުން އަލަބާމާ އާއި ޖޯޖިއާގެ އެކި ސަރަހައްދުތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. އަދި އޭގެ ސަބަބުން އަނިޔާވި މީހުންގެ އަދަދު 50އަށް އަރާ އިރު އަށް މީހަކު ވަނީ ގެއްލިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަލަބާމާއަށް ލިބުނު ގެއްލުން ބައްލަވާލެއްވުމަށް އަންނަ ހުކުރު ދުވަހު އެސްޓޭޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.