ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުންފުނީގެ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހަށް އެ ބިލު ބަލައިގަންނަން ފެނޭތޯ ބެލުމަށް ވޯޓަށް އެއްސެވުމުން ބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 36 މެންބަރުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވި އެވެ. ބިލް ބަލައިގަންނަން ބޭނުންވާ ވޯޓުގެ އަދަދަކީ ވެސް 37 ކެވެ.

ސަތޭކަ ތިރީސް އަށް މާއްދާ ހިމެނޭ މި ބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުން ވިދާޅުވީ ކުންފުންޏާ ބެހޭ ގާނުނަކަށް އަމަލު ކުރަމުން ދަނިކޮށް ހަމަ އެފަދަ ގާނޫނެއް ސަރުކާރުން ހުށަހެޅުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި މީގެ މާކުރިން ފާސްކޮށްގެން ކުންފުނީގެ ގާނޫނަކަށް އަމަލު ކުރަމުން އަންނަ އިރު އެ ގާނޫނަށް ހުށަހަޅަން ޖެހޭނީ އިސްލާހުތައް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

އެ ބިލުގައި ގަބޫލު ނުކުރެވޭ ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށް ވެސް އިދިކޮޅު މެންބަރުން ވިދާޅުވި އެވެ.
މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން ވިދާޅުވީ، ރަޖިސްޓްރީ ކުރެވޭ އެންމެހާ ކުންފުނީގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ޓަކައި ރަޖިސްޓްރާ އޮފް ކޮންމެނީސްގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކޮށް ހެދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް އެ ބިލުގައިދީ ފައިވާ ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވެގެން ކުންފުނި ރަޖިސްރީ ކުރުމާއި ނުކުރުމުގެ ބާރު އޭނާ އަށް އޮންނަ އިރު އެ ކަމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ހުރިކަމެއް ކަމަށް ރަޖިސްޓްރާ އޮފް ކޮންމެނީސް އަށް ނުނިންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމެއް ކަމަށް ނިންމޭނީ ޝަރުއީ ކޯޓަކުން އެއީ ރަޖިސްޓްރާ އޮފް ކޮންމެނީސް އަށް ކުރެވޭނެ ކަމެއްނޫން. އެބާރެއް އޭނާ އަކަށް ނުލިބޭނެ،" ޔާމީނު ވިދާޅުވި އެވެ.
ޔާމީން އަދި ވިދާޅުވީ އެބިލުގައި ވަކި ކަމެއް ކުރުމަށް ކަނޑައެޅޭ މުއްދަތަކަށް ކުންފުނި ހެދިދާނެ ކަމަށް ބިލުގައި ބުނާ އިރު ކުންފުންޏަކީ އެތައް ބައެއްގެ ހައްގެއް ކަމަށާއި ކުންފުނި އުފައްދަން ޖެހޭނީ ވަކި މުއްދަތެއް ކަނޑައަޅައިގެންނޫން ކަމަށެވެ. އަދި އެ ބިލުގައި ކުންފުނި އުފެއްދުމަށް ކަނޑައަޅާފައިވާ އުސޫލުތަކަކީ ޒަމާނީ އުސޫލުތަކެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް މެންބަރުން ވިދާޅުވީ، ސަރުކާރުން ކަންކަން ނުކުރަނީ ގާނޫނުތައް ނެތިގެންނޫން ކަމަށެވެ. އަދި ކަންކަން ރަނގަޅު ގޮތުގައި ކުރެވޭނީ ރައީސުލްޖުމްޙޫރިއްޔާގެ އިހްލާސްތެރިކަން ހުރިވަރަކުން ކަމަށާއި އެމްބީސީ ގާނޫނާއި މަސްވެރިންގެ ސަބްސިޑީ އަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަންތައްތަކަށް ވާއިރު ވެސް އެކަންތައްތަކަށް ސަރުކާރުން ބޯ ނުލަނބާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ކުންފުނީގެ ގާނޫނަކީ ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ހުށަހަޅާފައިވާ 18 ބިލުގެ ތެރެއިން އެއްބިލެވެ. މިހާތަނަށް މަޖިލީހުން ފާސްކޮށްފައި ވަނީ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރުން ހުށަހަޅާފައިވާ އެންމެ ބިލެކެވެ. މި މަހުން ފެށިގެން ޖީއެސްޓީ ނަގަމުން ގެންދަނީ އެ ގާނޫނުގެ ދަށުންނެވެ.