ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ހިމަނައިގެން، އިންދްރާ ކުމާރު ޑައިރެކްޓުކޮށް އުފައްދާފައިވާ ފިލްމު 'ޓޯޓަލް ދަމާލް' ވެސް 100 ކުރޯޑުގެ އާމްދަނީއެއް ހޯދައި ސުޕަހިޓް ފިލްމުތަކުގެ ލިސްޓުގައި ހިމެނިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ލިބުނު 6.03 ކުރޯޑު ރުޕީޒް އާއެކު އެ ފިލްމަށް މިހާރު ވަނީ ޖުމުލަ 123 (1,74,29,100 އެމެރިކާ ޑޮލަރު) ކުރޯޑު ރުޕީޒް ލިބިފައެވެ. ފިލްމަށް ކްރިޓިކްސްގެ މާ ރަނގަޅު ތަރުހީބެއް ނުލިބުނު ނަމަވެސް، ބެލުންތެރިންގެ މެދުގައި ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ފިލްމު ރިލީޒްކުރި ހަފްތާވެސް ފިލްމަށް ރަނގަޅު އާމްދަނީއެއް ލިބުނު އިރު، 'ލުކާ ޗުއްޕީ' އަދި 'ސޯންޗިރިޔާ' ރިލީޒް ކުރުމާއެކު ފިލްމަށް ތަރުހީބު ކުޑަވާނެ ކަމަށް ބެލެވުނު ނަމަވެސް، 'ޓޯޓަލް ދަމާލް' އަށް ތަރުހީބު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދް ވާރްސީ، ޖާވެދް ޖާފެރީ، މާދުރީ ދިކްޝިޓް އަދި އަނިލް ކަޕޫރެވެ. އެ ފިލްމަކީ 'ދަމާލް' ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ.

ފިލްމަށް ލިބެމުން އަންނަ ތަރުހީބަކީ ފިލްމުގެ ސްޓާ ކާސްޓް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ޚާއްސަކޮށް ފިލްމުގައި ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ހިތްގައިމު އޮންސްކްރީން ޖޯޑު މާދުރީ އަދި އަނިލް އެކުގައި ފެނިގެން ދިއުން ހިމެނެއެވެ. 'ޓޯޓަލް ދަމާލް' އަކީ 17 އަހަރަށް ފަހު އެ ދެ ތަރިން އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ.