ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ސަންޖޭ ސުދީރު، ފޮރިން މިނިސްޓަރި އަބްދުﷲ ޝާހިދާ އެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ތަރައްޤީ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އާއެކު އޮތް ގުޅުމުގެ ތެރެއިން ހާސިލްވެފައިވާ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވިއެވެ.

އެގޮތުން ރައީސް ސޯލިހު ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ކުރެއްވި ދަތުރުފުޅާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ގެ އުސްއަލިތަކާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަ ދެއްކެވިއެވެ. އެ ދަތުރުފުޅުތަކުގައި ދެ ޤައުމުގެ ގުޅުން ކުރިއަށް ގެންދާނެ ފްރޭމްވޯކްއަކަށް އެއްބަސްވެފައިވާ ކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ވިދާޅުވީ ދެ ގައުމަށް ފައިދާހުރި ކަންތައްތަކެއް ހާސިލްކުރުމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރައްވާނެކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ހަލީލާއި، ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދާއި އިންޑިއާ ޑިވިޒަންގެ ޑިރެކްޓަރު މަރިޔަމް މިދުފާ ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ކައުންސެލަރު (ޕޮލިޓިކަލް) އަރުޗަނާ ނައިރުއާއި ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޕްރަޝާންތު ހަންޑޫއާއި ފަސްޓް ސެކްރެޓަރީ ސުބާޝް ރާމާކްރިޝްނަ ޕިލައި، އަދި ހެޑް އޮފް ޗާންސަރީ ޝިތާންޝޫ ޗޯރަސިޔަ ބައިވެރިވެވަޑައިގަތެވެ.