ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރަނީ 390 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރޭ 8:30 އިން ފެށިގެން ރޭ 3:30 އަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ކުރިއަށް ގެންގޮސްފައެވެ. ނަންތައް ތަރުތީބުކުރުމަށް ފަހު ކެންޑިޑޭޓުންގެ ނަން އަބުރާ ނެގުމުގެ ފުރުސަތު ނޯވެއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ތަރުޖަމާނު އަދި މެމްބަރު އަހުމަދު އަކްރަމް މިރޭ "ސަން" އަށް ވިދާޅުވީ، ކޮންމެ ދާއިރާއެއްގެ ވެސް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ކުރިން އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަވާފައިވަނީ 12 ބޭފުޅުން ކަމަށެވެ.

އިންތިހާބުގައި ވާދަކުރުމަށް ޖުމްލަ 407 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އިރު، ބަލައިގެންފައިވަނީ 402 ފޯމެއެވެ.

އަކްރަމް ވިދާޅުވީ، ނަން އަނބުރާ ނެންގެވި ކެންޑިޑޭޓުންނާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބު ކޮށްފައިވަނީ 390 ކެންޑިޑޭޓުން ކަމަށެވެ.

އަންނަ މަހު ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ، 264،589 މީހުންނަށެވެ. މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ، 2،454 މީހުންގެ އިތުރުވުމެކެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262,135 މީހުންނަށެވެ.