އެމްއެމްޕީއާރުސީގެ 1.4 ބިލިޔަން ރުފިޔާގެ ހިޔާނާތުގެ ރިޕޯޓާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "ސަން"އަށް ވިދާޅުވީ މާދަމާ ހެނދުނު 11:00 އަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވުމަށް އޭސީސީގެ މެމްބަރުންނަށް އަންގާފައިވާ ކަމަށެވެ.

މުއައްވިޒް ވިދާޅުވީ މާދަމާގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ ފަރާތުން މާލިއްޔަތު ކޮމިޓީއަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މުއައްވިޒް ވިދާޅުވީ މާދަމާގެ ކޮމިޓީގައި ހިޔާނާތާ ގުޅޭ ޕްރެޒެންޓޭޝަނެއް ދޭނެ ކަމަށާއި، އެއަށްފަހު ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް އޭސީސީއިން ތަހުގީގުކޮށް، އެ ރިޕޯޓު ނެރިފައިވަނީ 13 ޖުލައި 2017 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ ރިޕޯޓު އޭސީސީން އާންމުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 700 އަށް ވުރެ ގިނަ ސޮފްހާގެ އެ ރިޕޯޓުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ފައިސާ ޖަމާވި އެކައުންޓުތަކާއި މީހުންގެ ނަންތައް ހާމަކޮށްފައެވެ.

އެމްއެމްޕީއާރުސީއިން ދޫކުރި 57 ރަށާއި ފަޅަކަށް އެ ކޯޕަރޭޝަނަށް 77.4 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު، އެ ކޯޕަރޭޝަނަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަމަށް ރިޕޯޓުން ދައްކައެވެ. އެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ބައެއް ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން މިހާރުގެ ސަރުކާރުގެ މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރެއް ހިމެނެއެވެ.