ސްރީލަންކާގެ ހަމްބަންޓޯޓޯގައި މިހާރު ކުރިއަށްދާ ފުރަތަމަ ސައުތު އޭޝިއަން ބީޗް ގޭމްސް އިން ރާއްޖޭގެ ގައުމީ އަންހެން ޓީމު ރިހި މެޑަލް ހޯދިއިރު ފިރިހެން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމް ރިހި މެޑަލް ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލްގައި އިންޑިއާ އަތުން 17 ޕޮއިންޓް 7 ޕޮއިންޓުން ބަލިވެގެން ނެވެ. އަދި ފިރިހެން ޓީމް ލޯ މެޑަލް ހޯދީ އިއްޔެ ހަވީރު ކުޅުނު ތިން ވަނަ ހޮވި މެޗުގައި ބޫޓާން އަތުން މޮޅުވެގެންނެވެ. މިމެޗް ރާއްޖެ ކާމިޔާބު ކުރީ 17 ޕޮއިންޓް 14 އިންނެވެ.

ރާއްޖޭގެ ފިރެހެން ޓީމްގައި ހިމެނޭ ކުޅުންތެރިން ނަކީ މުހައްމަދު ޒިލާލް އާއި އަލީ ފަޒްލީ އާއި އަހުމަދު އަފްޝަން އަދި ޓީމްގެ ކޯޗް މުޙައްމަދު ހާޝިމް (ޑޭވިޑް) އެވެ. އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އައިމިނަތު ޝިއުރާ އާއި ނަޝްފާ އާމިރާ އާއި ފަދުވާ ޒާހިރު އަދި ހައުމާ އުބައިދުﷲ އެވެ. ކޯޗަކީ ޝިޒްނާ ރަޝީދެވެ.


ބާސްކެޓްގެ އިތުރުން މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ބައިވެރިވި ކުޅިވަރު ތަކަކީ ސްވިމިން، ޓްރައެތެލޯން، ވިންޑްސާފިން، ބީޗްސޮކާ، ވޮލީބޯޅަ އަދި ނެޓްބޯޅަ އެވެ