05 Mar 2019, 16:19
މިއަހަރުގެ ސައުތް އޭސިއަން ގޭމްސް ބާއްވަން ހަމަޖެހިފައިވާ ނޭޕާލްއިން މުބާރާތްް ބޭއްވުމުގެ އިންތިޒާމުތައް ފުރިހަމަ ކޮށްފައި ނުވާތީ މިއަހަރުގެ ޑިސެމްބަރު މަހަށް އެ ގޭމްސްތައް ބޭއްވުން ފަސްކޮށްފި އެވެ.
މި ގޭމްސްތައް ކުރިން މި މަހު ބޭއްވުމަށް ތާވަލު ކުރި ނަމަވެސް ކުޅިވަރުތައް ކުޅޭ ސްޓޭޑިއަމްތައް ތައްޔާރުވެފައި ނުވާތީ މުބާރާތް ބޭއްވުން ވަނީ ފަސްކޮށްފައެވެ. ނޭޕާލްގެ ކަތުމަންޑޫއާއި ޕޮކާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގޭމްސްތައް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ވަނީ މި މަހުގެ އެއް ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ.
ކުރިން މި ގޭމްސްތައް ބޭއްވުން ސެޕްޓެމްބަރަށް މަހު ބާއްވާ ގޮތަށް ފަސްކުރެވިފައި ވީ ނަމަވެސް އެ ބައްދަލުވުމުގައި ގޭމްސްތައް ބޭއްވުމަށް ހަމަޖެހުނީ މިއަހަރުގެ ޑިސެމްބަރު 1 އިން 10 ގެ ނިޔަލަށެވެ.
ޑިސެމްބަރަށް އެ ގޭމްސްތައް ފަސްކުރުމުންވެސް ނޭޕާލްގައި ބޭއްވޭ ގޮތް ނުވެއްްޖެ ނަމަ އެ ގައުމުގައި މުބާރާތް ނުކުޅެވޭނެ ކަމަށް ބައެއް ރިޕޯޓްތަކުން ބުނި ނަމަވެސް ނޭޕާލް އިން ބުނީ އެ ގައުމުގައި ގޭމްސް ބޭއްވޭނެ ކަމަށާއި ސަރުކާރުން ވެސް އެކަމަށް ވަރަށް ބޮޑަށް ބޭނުން ވެފައި ވާ ކަމަށެވެ.
ދެކުނު އޭޝިއާގެ ގައުމު ތަކުގެ މެދުގައި ބޭއްވޭ މި މުބާރާތަކީ ދިވެހި ރާއްޖެއިންވެސް ވަރަށް އިސްކަމެއް ދީގެން ދުރާލާ ތައްޔާރު ވަމުން އަންނަ މުބާރާތެކެވެ. އަދި މި މުބާރާތް ފަސް ކުރުމުން ރާއްޖެއަށް ފައިދާ ވާނެ ކަމަށް ކުޅިވަރާއި ބެހޭ މާހިރުން ދަނީ ބުނަމުންނެވެ. ސަބަބަކީ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑްސް ގޭމުގެ ސަބަބުން ކުޅުންތެރިންނަށް ތަޖުރިބާ ލިބި މުބާރާތައް ތައްޔާރުވާން އިތުރު ދުވަސް ލިބޭނެތީއެވެ.
މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާ ކުޅިވަރު ތަކަކީ ފުޓްބޯޅަ، އެތުލެޓިކްސް، ވޮލީބޯޅަ ބެޑްމިންޓަން، ހޭންޑްބޯޅަ، ޝޫޓިން، ސްވިމިން، ޓެނިސް، ޓޭބަލް ޓެނިސް އަދި ކްރިކެޓާއި ބާސްކެޓްބޯޅަ އެވެ.
އެންމެ ފަހުން އިންޑިއާގައި 2016 ވަނަ އަހަރު އެ މުބާރާތް އޮތް އިރު ރާއްޖޭގެ ދެ އެތްލީޓުން ވަނީ މުބާރާތުގެ ވަނަތައް ހޯދާފައެވެ. އެގޮތުން 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި ފެތުންތެރިޔާ އައިމިނަތު ސަޖަން ވަނީ ލޯ މެޑެއްޔެއް ހާސިލް ކޮށްފައެވެ.