އިސްލާމްއާބާދު (މާޗް 5): ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދަށް ވަންނަން އުޅުނު އިންޑިއާގެ ސަބްމެރިންއެއް އަނބުރާ ފޮނުވާލައިފި ކަމަށް ޕާކިސްތާނުގެ ނޭވީން ބުނެފި އެވެ.

ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެގައުމުން އިންޑިއާގެ ސަބްމެރިންއަށް ހަމަލާއެއް ނުދެ އެވެ. އަދި އެއުޅަނދު އަނބުރާ ފޮނުވާލީ އެގައުމުގެ ސިފައިންގެ ހާއްސަ ހުނަރުތައް ބޭނުންކޮށްގެންނެވެ.

"ޕާކިސްތާނުގެ ނޭވީގެ ހާއްސަ ހުނަރުތައް ބޭނުންކޮށްގެން، އެސަބްމެރިން މިގައުމުގެ ކަނޑުގެ ސަރަހައްދަށް ވަނުން ވަނީ ހުއްޓުވާފަ. އަދި ސަރުކާރުން ގެންގުޅޭ ސުލްހަ ދެމެހެއްޓުމުގެ ސިޔާސަތުގެ ދަށުން އެސަބްމެރިންއަށް ހަމަލާއެއް ނުދޭ،" އެބަޔާނުގައިވެ އެވެ.

އަދި ޕާކިސްތާނުން ވަނީ އެގައުމެކޭ އެއްގޮތަށް އިންޑިއާއިން ވެސް ސުލްހައަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ އެއާފޯސްގެ ޖެޓުތަކެއް ވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ހަމަލާތަކެއް ދީފަ އެވެ. އިންޑިއާ އިން ބުނި ގޮތުގައި އެހަމަލާ އަމާޒު ކުރީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ޖައިޝް މުހައްމަދުގެ ޓްރެއިނިން ކޭމްޕުތަކަށެވެ. އަދި އެހަމަލާގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރުވި އެވެ.

ނަމަވެސް ޕާކިސްތާނުން ބުނި ގޮތުގައި އެހަމަލާ އަމާޒުވީ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ. އެހެންކަމުން އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

އަދި ބުދަ ދުވަހު ޕާކިސްތާނުން ވަނީ ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް ހަމަލާތަކެއް ދީފަ އެވެ. އޭގެ ފަހުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ދެ ފައިޓާ ޖެޓު ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެ އެވެ. އަދި އޭގެ ތެރެއިން އެއް ޖެޓުގައި އިން ޕައިލެޓު، ވިންގް ކޮމާންޑާ އަބީއާނަންދު ވަރުތަމާން ޕާކިސްތާނުން ހިފެހެއްޓި އެވެ. ނަމަވެސް ހުކުރު ދުވަހު ޕާކިސްތާނުން ވަނީ "ސުލްހައިގެ ރަމްޒެއް"ގެ ގޮތުން އެޕައިލެޓު ދޫކޮށްލާފަ އެވެ.