ރ. އިންނަމާދޫ ކުޑަ ދެ އަންހެން ކުއްޖަކާ ޖިންސީ ގޮތުން "ބެހުނު" ކަމުގެ ތުހުމަތުގައި އެ ރަށުގައި މަސައްކަތްކުރާ ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިންނަމާދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަފީގު މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު އެ ރަށު ކުޑަ ދެ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި އެ ރަށުގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ދެ ބިދޭސީއަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޝަފީގު ވިދާޅުވީ އެ މައްސަލަ އާ ބެހޭ ގޮތުން އެ ދެ އަންހެން ކުދިންގެ އާއިލާ އިން ކައުންސިލާ މައުލޫމާތު ހިއްސާ ކޮށްފައިނުވާ ކަމަށެވެ. އަދި ކައުންސިލަށް ވެސް އެކަހަލަ ކަމެއް ހިނގިކަން އެގިފައި ވަނީ އާއްމު ފަރާތަކުން ކަމަށާއި އެހެންކަމުން މައްސަލައާ ބެހޭ އިތުރު މައުލޫމާތު ނޭނގޭ ކަމަށް ޝަފީގު ވިދާޅުވި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަ ދެ ކުދިންނަކީ އުމުރުން 9 އަހަރާއި 10 އަހަރުގެ ދެ ކުދިންނެވެ. އަދި އެ ކުދިންނާ ބެހުނު ކަމަށް ބުނާ ބިދޭސީންނަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް އާއްމު ފަރާތަކުން ގެނެސްފައި ތިބި ބައެކެވެ.

އިންނަމާދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ބިދޭސީން އެ ދެ އަންހެން ކުދިންނާ ޖިންސީ ގޮތުން ފުރަތަމަ ބެހެން ފެއްޓީ އެ ކުދިން ކުޅެން އުޅެނިކޮށް އެ ދެ މީހުން އުޅޭ ގޭތެރެ އަށް ވައްދައި ފޯނުން ފޮޓޯތަކެއް ދައްކައިގެން ކަމަށެވެ.

އޭނާ ބުނީ ބިދޭސީ ދެ މީހުން އެ ކުދިންނަށް އެކި ދުވަސް މަތިން ފައިސާ ވެސް ދިން ކަމަށާއި އަދި އޭގެ ފަހުން ތަކުރާރުކޮށް އެކި ފަހަރު މަތިން ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން އެ ކުދިންނާ ބެހުނު ކަމަށެވެ. އަދި އެކަންތައް ފަޅާ އަރާފައި ވަނީ އެ ކުދިންގެ ކްލާސް ކުދިންތަކެއް ކައިރީގައި އެ ވާހަކަތައް ދެއްކުމުން ކަމަށް އޭނާ ބުންޏެވެ.

ޕޮލިސް މީޑިޔާ އޮފިޝަލަކު ވިދާޅުވީ އިންނަމާދޫން ކުޑަ ދެ އަންހެން ކުދިންނާ ބެހިގެން އުނގޫފާރު ޕޮލިސްޓޭޝަނުން ދެ ބިދޭސީއަކު ހައްޔަރުކޮށް އެ މައްސަލައިގެ ތަހުގީގީ ކުރަމުން އަންނަ ކަމަށެވެ.